މާތްވެގެންވާ އިސްލާމް ދީނަށް ގޮންޖެހާ، އެހެން ދީންތައް ފަތުރަން މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވަންޖެހޭ ކަމުގައި، ތިމަރަފުށި ދާއިތާރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ 2022ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖްޓުގެ ބަހުސް މަރުހަލާ ނިންމާލުމުގެ ގޮތުން މިއަދު މަޖިލީހުގައި އޮތް ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އަބުދުﷲ ރިޔާޒު ވިދާޅުވެފައިވަނީ ދީނަށް ގޮންޖަހާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ކުރަން ޖެހިފައިވާ ކަމުގައެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، މިހާބޮޑު ބަޖެޓެއް ފާސްކުރެވިގެން އަންނައިރު ސިއްޙީ ޚިދުމަތަކީ ރައްޔިތުންނަށް ޔަގީންކަމާއެކު ލިބޭ ޚިދުމަތަކަށްވެސް ވާންޖެހޭ ކަމުގައެވެ.
ކޮންމެ ފަހަރަކު މަޖިލީހުގެ މެމްބަރުންނަށް ގުޅައިގެނެއް ނޫން އާސަންދަ ނުވަތަ އެންސްޕާގެ ކަންކަން ހަމަޖެހެން ޖެހޭނީ
– އަބުދުﷲ ރިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުންވެސް 2022 ވަނަ އަހަރަށް ލަފާކޮށް މިއަދު މަޖިލިހުން ފާސްކުރި ބަޖެޓުގައި ހިމެނިފައިވާ ކަންކަމަށް އަލި އަޅުއްވާލައްވަމުން ރިޔާޒު ވިދާޅުވީ، ބިރުވެރިކަމެއް ނެތި ހާސްކަމެއް ނެތި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ރައްޔިތުންނަށް ދިރިއުޅެވެން ޖެހޭނެ ކަމަށާއި، ރަހީނު ކޮށްފާނެ ކަމުގެ ބިރު އަދި އަންހެންކަބަލުންގެ އިއްފަތްތެރިކަން ނަގާނަގާލާފާނެ ކަމުގެ ބިރު އޮވެގެން ނުވާނެ ކަމުގައެވެ.
މީގެއިތުރުން ޕްރޮގްރެސިވް ޓެކްސްއެއް ނަގާނެކަން ބަޖެޓުގައި ފާހަގަ ކޮށްފައި އެބައޮތްކަން ފާހަގަ ކުރައްވަމުން ރިޔާޒު ވިދާޅުވީ އެއްވެސް ޓެކްސްއެއް ނަގަންވާނީ، ކުރިން ދުރާލާ އެންގުމަށްފަހު، އެފަދަ ޓެކްސްއަކަށް ތައްޔާރުވުމަސް ފުރުސަތު ދިނުމަށްފަހު ގައެވެ. އަދި މި ފުރުސަތު އިންވެސްޓަރުންނަށްވެސް ތަނަވަން ކޮށްދޭންވާނެ ކަމަށްވެސް ރިޔާޒު ވާހަކާގައި ފާހަގަ ކުރައްވާފައި ވެއެވެ. ރިޔާޒު ވިދާޅުވި ގޮތުގައި، މި ނޫން އުސޫލަކުން ޓެކްސް ނަގަން ފަށައިފިނަމަ، އޭގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހޭނީ ޓެކްސް ދަކާ އާންމު ރައްޔިތުން ކަމުގައެވެ.
މިއަދުގެ ޖަލްސާގައި ބަޖެޓާއި ގުޅޭގޮތުން ރިޔާޒުވަނީ، ދައުލަތުގެ ބައެއް ކުންފުނިތައް އުވާލަން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިފަދަ ކުންފުނިތައް އުވާލެވިގެން ދާއިރު، މި ކުންފުނިތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ނުވާނެކަން ޔަގީންކުރުމަށްވެސް ރިޔާޒުވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ