އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، މއ.ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި:
1- ޤާނޫނު ނަންބަރު: 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ޤާނޫނުގެ 62 ވަނަ މާއްދާ (ހ) ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ
2- ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ
ވ. ތިނަދޫކައިރި އޮންނަ އާރަށް އަމިއްލަ ކުންފުންޏަކަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެރަށްވަނީ އެއަތޮޅު ފެލިދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމަށް ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާވަނީ ފަހުން ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުންވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި މިމައްސަލައިގައި ހިމެނޭ ރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުޤީގުގެ ތެރެއިންނެވެ.
އެއްމިލިޔަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި މިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި އެޙުކުން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ.
ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރުވަނީ އެމައްސަލަ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ. އަދި ސުޕްރީމް ކޯޓްގައި އެމައްސަލ މިހާރު ވަނީ ޙުކުމާއި ހަމައަށް ގޮއްސައެވެ.
މީގެ އިތުރުން ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައިވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް ދަނީ ހިނގަމުންނެވެ.
ކޮމެންޓު ފޮނުވާ