ބަޔާން މޮޅުވިއިރު، ބާސެލޯނާ ޕްރެޝަރަށް

ބަޔާން މޮޅުވިއިރު، ބާސެލޯނާ ޕްރެޝަރަށް

Author
ޔޫސުފް
24 ނޮވެމްބަރ 2021 09:00
0

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކް މޮޅުވިއިރު، ބެންފިކާ އަތުން އެއްވަރުވެ، ބާސެލޯނާ ޕްރެޝަރަށް ވެއްޓިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ރޭ ބަޔާން މިއުނިކުން ވަނީ ޑިނަމޯ ކިއޭވްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަދި މި ގްރޫޕްގައި ހިމެނޭ ބާސެލޯނާ އާއި ބެންފިކާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ބަޔާން އާއި ޑިނަމޯ ކިއޭވް ބައްދަލުކުރި މެޗުގެ ކުރީކޮޅު ބަޔާނުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބަޔާނުން ލީޑު ނެގީ ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި ލެވަންޑޮސްކީ ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާވެސް ކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ، ކިންގްސްލީ ކޯމަންއެވެ.

މި މެޗުގައި ޑިނަމޯ ކިއޭވްއިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޑެނިސް ހަރްމާޝްއެވެ.

މި މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ބެންފިކާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، ބާސެލޯނާއަށް ވަނީ ދެވަނަ ބުރަށް ދިއުމަށް ޕްރެޝަރުތަކާއި ކުރިމަތިވެފައެވެ.

ބާސެލޯނާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެން އޮތީ ބަޔާން މިއުނިކާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. ބާސެލޯނާއަށް މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ލިބެން އޮތީ ބަޔާން އަތުން މޮޅުވެގެން، ނޫނީ ގުރޫޕުގެ ފުލުގައި އޮތް ޑިނަމޯ ކިއޭޗް އަތުން ބެންފީކާ ބަލިވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.