ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ އިންޓަމިލާނާ ދެކޮޅަށް ނުކުންނައިރު އެއީ ފައިނަލެއް ފަދަމެޗެއް ގޮތައް ރެއާލްމެޑްރިޑުގެ ޒައިނުއްދީން ޒިދާން ސިފަކޮށްފިއެވެ.
މެޗުގެ ކުރިން ވާހަދައްކަމުން ޒިދާން ބުނީ މިއީ އަނެއްކާވެސް މެޑްރިޑުން ކުރިމަތިލާން ޖެހޭ އުނދުގޫމެޗެއްކަމަށާއި މެޗަށް ތައްޔާރުވާނީ ވެސް ފައިނަލެއްކަމަށް ދެކިންގެންކަމަށެވެ. އޭނާ ބުނީ އިންޓަމިލާނަކީ ފިސިކަލީ ގޮތުން ބެއްޔަސް ވަރުގަދަ ޓީމެއް ކަމަށާއި އެޓީމަކީ މެޗުތަކުގައި މޮޅަށް ކުޅޭ ރަނގަޅު ޓީމެއްކަމަށެވެ. އެހެންކަމުން މެޗު ފަސޭހަނުވާނެކަން އެނގޭކަމަށާއި އެޓީމާ ދެކޮޅަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެކަމަށެވެ.
ޒިދާން ބުނީ ފަހަށް ވިސްނޭކަށް މިހާރު ނެތްކަމަށާއި ކޮންމެ މެޗަކަށްވެސް ތައްޔާރުވާނީ ފައިނަލެއްކަމަށް ދެކިގެންކަމަށެވެ. ބޭކާރު ވިސްނުންތައް ދޫކޮށް ފުރިހަމަ ސަމާލުކަން ކުރިޔަށްހުރި މެޗުތަކަށް ދޭންޖެހޭކަމަށް ޒިދާން ވަނީ ބުނެފައެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ރެއާލްގެ ކޯޗު ޒިދާން ބުނީ ކުލަބައްޓަކައި ކޮންމެވެސް އެއްޗެއް ހާސިލްކުރުމަށް ކުޅުންތެރިން ހުރިހާ ގުރުބާނީއެއް ކުލަބައްޓަކައިވާ ކަމަށެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން މެޗާކުރިމަތިލާއިރު އިންޓަމިލާނުން މެޗު ކާމިޔާބުކުރުމަށް ބޭނުންވެފަތިބި މިންވަރު އެނގޭކަމަށެވެ.
އިންޓަމިލާނަކީ މޮޅުވަރުގަދަ ޓީމެއް، މިހިސާބުން ނެތް އިތުރުކަމަކަށް ވިސްނޭކަށް، މިމުބާރާތުގައި އަހަރެމެންނަށް ކުރިޔަށްހުރީ ހައްތަހާވެސް ފައިނަލު
– ޒިދާން
ޒިދާން ވަނީ މެޗުގެ ކުރިން އޭނާގެ ކުރީގެ ކުލަބް ޔުވެންޓަސްއާއެކު މިހާރުގެ އިންޓަމިލާންގެ ކޯޗު އެންޓޮނީ ކޮންޓޭއާ އެކު ކުޅުނު ހަދާންއާކޮށްފައެވެ. ޒިދާން ބުނީ ކޮންޓޭ ކޯޗަކަށް ވުމުން އޭނާ ހައިރާން ނުވާކަމަށެވެ. އެކުގައި ކުޅުނުއިރުވެސް ކޮންޓޭއަކީ މުހިންމު ކުޅުންތެރިޔެއްކަމަށް ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ކޮންޓޭއާ ގުޅޭގޮތުން ޒިދާން ވަނީ ބުނެފައެވެ.
މެޗާ ކުރިމަތިލާއިރު މެޑްރިޑަށްވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެން 2 ޕޮއިންޓާއެކު އިންޓަމިލާން އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. ގުރޫޕްގެ ފުލުގައި މެޑްރިޑު އޮތީ ކުޅުނު ދެމެޗުން ލިބުނު އެއްޕޮއިންޓާއެކުއެވެ. އެންމެފަހުން މީގެ ފަސްއަހަރު ކުރިން މި ދެޓީމު އިންޓަނޭޝަނަލް ކަޕުގައި ކުޅުނު މެޗު 3-0 ލަނޑުން ކާމިޔާބުކުރީ މެޑްރިޑުންނެވެ.