މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަކި ގޮތެއް އަންގަންދެން، އޮސްޓްރޭލިއާގެ "ކޮފިން ބޭ"ގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް"ގެ "ރޯ ޕެސިފިކް އޮއިސްޓަރ" ވިއްކުމާއި ބޭނުންކުރުން ހުއްޓާލުމަށް އަންގައިފިއެވެ.
އެ އޮތޯރިޓީން ބުނީ އޮސްޓްރޭލިއާގެ "ކޮފިން ބޭ"ގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް"ގެ "ރޯ ޕެސިފިކް އޮއިސްޓަރ"ގައި ޖަރާސީމުގެ ބާވަތެއްކަމަށްވާ "ވިބްރިއޯ ޕެރަހެމޮލީޓިކަސް" ހުރިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެބާވަތުގެ ރޯ ޕެސިފިކް އޮއިސްޓަރ ރާއްޖެއަށް އެތެރެވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކްއިން އެއޮތޯރިޓީއަށް އަންގާފައިވާކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެއިދާރާއިން މި އެންގުމާއި ގުޅިގެން މިބާވަތުގެ އުފެއްދުންތަކާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން ކުރަމުންދާކަމަށް އެއޮތޯރިޓީއިން ބުންޏެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިބާވަތުގެ އޮއިސްޓަރ އެމްއެފްޑީއޭއިން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުންނުކުރުމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ