ފިލްމް ޕްރޮޑިއުސަރ ކިރަން ރާއޯއާ 2005 ވަނަ ދެވަނަ ކައިވެންޏެއް ކުރި ބޮލީވުޑް ސުޕަރ ސްޓަރ އާމިރް ޚާން ތިންވަނަ ކައިވެންޏެއް ކުރަން ތައްޔާރު ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއަހަރު އޯގަސްޓް މަހުގެ ތެރޭގައި ކިރަން އާއި އާމިރުގެ ކައިވެނި ވަނީ ނިމުމަކަށް ގެނެސްފައެވެ. ދެމީހުން ވަކިވިކަން އިއުލާން ކުރަމުން ދެމީހުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދެމީހުން ވަރިވި ކަމުގައި ވިޔަސް އެމީހުންގެ ދަރިފުޅު އާޒާދް ރާއޯ ޚާންގެ ކަންކަމުގައި އެކުގައި އުޅޭނެ ކަމަށެވެ. އަދި ދެމީހުން އެކުވެރިންގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެމި ތިބޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އާމިރު ގެ ފުރަތަމަ ކައިވެނި ނިމުމަކަށް އައިސް ފައިވަނީ 2002 ވަނަ އަހަރުއެވެ. އެ ކައިވެނިން އާމިރަށް 2 ކުދިން ލިބިފައިވެއެވެ.
އާމިރާއި ކިރަން ބައްދަލުވެފައިވަނީ "ލަގާން" ކުޅުނު ދުވަސްވަރުއެވެ. އެފިލްމް ގެ ލީޑް ތަރިއެއްގެ ގޮތުގައި އާމިރު މަސައްކަތް ކުރިއިރު އެ ފިލްމް ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކިރަން ދިއައީ މަސައްކަތް ކުރަމުންނެވެ.
ޚަބަރުތަށް ބުނާގޮތުގައި އާމިރު އޭނާގެ 3 ވަނަ ކައިވެނީގެ ވާހަކަ ރަސްމީކޮށް އާންމުކުރާނީ، އަންނަ އޭޕްރީލްމަހު އެޅުވުމަށް ހަމަޖެހިފައިވާ އޭނާގެ ކުރިއަށްއޮތް ފިލްމު "ލާލް ސިންގް ޗައްޑާ"ގެ ޕްރިމިއާއަށް ފަހު އެވެ. އަދި އާމިރު 3 ވަނަ ކައިވެންޏަކާ ދިމާއަށް ދާއިރު އޭނާ މިފަހަރު އިންނަނީ މީގެ ކުރިން އޭނާއާއެކު ފިލްމުތަކުން ފެނިފައިވާ އޭނާގެ ކޯސްޓަރ އަކާއި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އާމިރުގެ ދެވަނަކައިވެނި ނިމުމަކަށް ގެނައި ދުވަސްކޮޅު، ދަންގަލް ފިލްމުގައި އޭނާގެ ކޯސްޓާރެއް ކަމަށް ފާތިމާ ސަނާ ޝެއިޚް އާއި އާމިރުގެ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ވާހަކަތައް މަޑުމަޑުން ވަނީ ފަނޑުވެފައެވެ.
އާމިރުގެ ކައިވެނި ރޫޅާލިކަން އަމިއްލައަށް އިއުލާން ކުރިފަދައިން އޭނާ "ލާލް ސިންގް ޗައްޑާ" ފިލްމު އެޅުވުމަށްފަހު އަމިއްލައަށް އޭނާގެ ކައިވެނީގެ ވާހަކަ އިއުލާން ކުރާނެ ކަމަށާއި އޭނާ އިންނާނެ މީހާވެސް އަމިއްލައަށް ހާމަކުރާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
އާމިރުގެ އުންމީދީ ފިލްމް "ލާލް ސިންގް ޗައްޑާ" އަންނަ އަހަރުގެ އެޕްރިލް 14 ގައި ރިލީޒް ކުރުމަށް ތާވަލު ކޮށްފައި ވާއިރު މިފިލްމުން އޭނާ އާއެކު ކަރީނާ ކަޕޫރު ފެނިގެންދާނެއެވެ.