އަބަދުވެސް މަސައްކަތްކުރަނީ ޤައުމާ ރައްޔިތުންނަށް ހެވާއި ލާބައަށް: އެމްއާރުއެމް

އަބަދުވެސް މަސައްކަތްކުރަނީ ޤައުމާ ރައްޔިތުންނަށް ހެވާއި ލާބައަށް: އެމްއާރުއެމް

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2021 04:36
0

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެންކަމަށް އެޕާޓިން ބުންނެފިއެވެ. އެޕާޓިން އެހެންބުނީ އެޕާޓިގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެމް.އާރު.އެމްގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އެންމެހާ މެންބަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމުން އެޕާޓިން ބުނީ އެމް.އާރު.އެމް އުފެދިގެން އައީ ޤައުމީ މުހިންމު އިޞްލާޙީ ހަރަކާތްތަކެއްގެ ތެރެއިންކަމަށެވެ. ޕާޓީގެ އެންމެ މުހިންމު އަޞާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުންކަމަށް އެމްއާރުއެމް އިން ބުންޏެވެ. އެހެންކަމުން އެމް.އާރު.އެމް މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެންކަމަށްވެސް އެމްއާރުއެމް އިން ބުންޏެވެ.

ޤައުމީ މި މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިޞްލާޙަށް ކުރެވޭ މަސައްކަތްކަމަށާއި، ދައުލަތް ހިންގުމުގެ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، ޢަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމް.އާރް.އެމް ގެ އަސާސްތައްކަމަށްވެސް އެމްއާރުއެމް އިން ބުންޏެވެ.

އެމް.އާރު.އެމްގެ ރޫޙަކީ ޕާޓީގެ މެންބަރުންކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، 2018ގެ ރިޔާސީ އިންތިހާބުގައި، މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ނަމުގައި ހަރަކާތެއް ފަށާފައިވަނީ ރައީސް މައުމޫން ޖަލަށް ލައި، އޭރުގެ ރައީސް ޔާމީން ހިންގެވިއަމަލުތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށެވެ. އެމްްްއާރުއެމްއަކީ މިއަދު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްބައިވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.