ހުނަރުވެރި ފަންނާނު ހޮޅުދޫ ޢަބްދުﷲ އަވަހާރަވެއްޖެ

ހުނަރުވެރި ފަންނާނު ހޮޅުދޫ ޢަބްދުﷲ އަވަހާރަވެއްޖެ

Author
މުޙައްމަދު ޖިމީ
19 ނޮވެމްބަރ 2021 01:16
0

ރާއްޖޭގެ މަޝްހޫރު ހުނަރުވެރި ލަވަކިޔުންތެރިޔާ އަދި ޤައުމީ ލަވަޔާއި މަދަހައާއި ހޭލުންތެރިކަމުގެ އެތައް ލަވައެއް ވިދާޅުވެ ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވާ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީ ބަލި އެނދުގައި އެތައް އަހަރެއް އާލާސްކަންފުޅާ އޮންނެވުމަށްފަހުއެވެ.

ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައިވާ ހޮޅުދޫ އަބްދުﷲ އަކީ، ލަވަ ކިޔުއްވުމުގެ ރޮނގުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު މޮޅު ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ލަވަތައް އޭނާ ވިދާޅުވެފައިވެއެވެ. ޢާއްމުންގެ މެދުގައި މަޤްބޫލު ލަވަކިޔުންތެރިއެއްގެ މަޤާމު ހޯއްދަވާފައިވާއިރު، އެންމެ ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވަނީ ޤައުމީ ލަވަ ވިދާޅުވުމުގައެވެ. ބައެއް ފަރާތްތަކުން ހޮޅުދޫ ޢަބްދުﷲ ސިފަކުރަނީ ޤައުމީ އަޑުގެ ގޮތުގައެވެ. ހޮޅުދޫ އަބްދުﷲ ރާއްޖެއަށް މަޝްހޫރުވެފައިވަނީ "ގައުމީ ގުރާ"ގެ ގޮތުގައެވެ.

ހޮޅުދޫ ޢަބްދުﷲގެ އަޑު އިވުމުންވެސް ޤައޔުމީވަންތަކަމުގެ އިޙްސާސް ކުރެވޭކަމަށް އެތައްބަޔަކު ބުނެއެވެ. އެއީ ވިދާޅުވެފައިވާ ޤައުމީ ލަވަތަކުގެ ގިނަކަމާއި އޭގެ ފުރިހަމަކަމުންނެވެ. އޭނާ އެންމެ މަޝްހޫރީވެސް ޤައުމީ ލަވަތައް ވިދާޅުވުމުގައެވެ. ޤައުމީ ޖޯޝާއި ފޯރި އަދި ޤައުމީ އިޙްސާސް އޭގެ އެންމެ ފުރިހަމަގޮތުގައި އުފެދޭ ގޮތަށް އޭނާ ވިދާޅުވެފައިވާ ލަވަތަކުގެ މަޤުބޫލުކަމިއަދުވެސް ވަރަށްބޮޑެވެ. މިހާރުވެސް ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ހަފްލާތަކުންނާއި ޓީވީ، ރޭޑިއޯއިން އެލަވަތައް ގެނެސްދެއެވެ.

ދިވެހިންގެ ހިއްތައް ފަތަހަކުރައްވާފައިވާ ހޮޅުދޫ ޢަބްދުﷲގެ ޤައުމީ ލަވަތަކުގެތެރޭގައި "އޯވަޒަން" "ވަޠަން އެދޭގޮތަށް" "ޖޯޝޭ ގެނައިމީ ޤައުމީ އުފާ" "ގައުމަށް އައި މިނިވަން ނޫރާނީ" ފަދަ ލަވަތަކާއި އެތައް ޤައުމީ ލަވައެއް ފާހަގަކޮށްލެވެއެވެ.

ޤައުމީ ލަވަތަކުގެ އިތުރުން ލޯބީގެ އަސަރުގަދަ ލަވަތައްވެސް ވިދާޅުވެ ރައްޔިތުންގެ ހިއްތައް ފަތަހަކޮށް ލޯބި ހޯއްދަވާފައިވެއެވެ. "އަސްރު ދިޔައީ ގެއްލިގެން"  "ރީތި ހަނދެކޭ ނުބުނެވޭނެހޭ" ފަދަ ލަވަތަކާއި އެތައް ރީތި މަދަހަތަކެއްވެސް ފާހަގަކޮށްލެވެ. އެމަނިކުފާނުގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރުޢުގެ ތީމް ލަވަ "ވަޑައިގަންނަވާށޭ، ކުލާހަށް އަސާސީ" ހިމެނެއެވެ. އަދި ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީން ތަކުރާރުކޮށް ގެނެސްދޭ، "ނަފުސު ހޭލައްވާލަ ދޭޝޭ އަންނަނީ ރަމަޟާން ކަރީމް" ފަދަ މަދަހަތަކަކީ އަޑުއިވުމުން ދިވެހިންގެ ހިއްތަކުން ބިންވަޅު ނަގައިގެންދާފަދަ އަސަރުގަދަ މަދަހަތަކެކެވެ.

ހޮޅުދޫ އަބްދުﷲ ވަނީ ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވައިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.