ސިވިލް ސާރވިސް މަޤާމުތަކަށް މީހުން ނަގާއިރު ފިނޭންސްގެ ހުއްދަ ނަގަންނުޖެހޭގޮތަށް ހަދައިފި

ސިވިލް ސާރވިސް މަޤާމުތަކަށް މީހުން ނަގާއިރު ފިނޭންސްގެ ހުއްދަ ނަގަންނުޖެހޭގޮތަށް ހަދައިފި

ސިވިލް ސަރވިސް މަގާމުތަކަށް މުވައްޒަފުން ނަގާއިރު މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ އުސޫލު އުވާލައިފިއެވެ.

ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން އައްޔަންކުރަން ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ނަގަންޖެހޭގޮތަށް ބަދަލު ގެނައީ ކޯވިޑާއި ގުޅިގެން އިޤްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން ސިވިލް ސާރވިސް މަޤާމުތަކަށް މުވައްޒަފުން ނަގާއިރު ފިނޭންސްގެ ހުއްދަ ނަގަންޖެހޭގޮތަށް އުސޫލް ހަމަޖައްސާފައި އޮތެވެ.

ނަމަވެސް އެ އުސޫލް އުވާލައި ސިވިލް ސާރވިސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސަރކިއުލަރ އިން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް އަންގަވާފައިވާކަމަށެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނީ، 1 ޖަނަވަރީ 2020 ގެ ފަހުން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި، ޙަވާލާދެވުނު މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް، އެ ސަރކިއުލަރގައިވާ ގޮތަށް އަމަލުކޮށް، ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނުއްވުމަށް އެދޭކަމަށެވެ.

އެކޮމިޝަނުން ބުނީ އިއްޔެއިން ފެށިގެން، މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަންނުޖެހޭނެކަމަށެވެ.

ސިވިލް ސާރވިސް މަޤާމުތަކަށް މީހުން ނެގުމުގައި ހުއްދަ ނަގަން ނުޖެހޭގޮތަށް މި ހަމަޖެއްސީ އިދާރާތަކުގެ ހިންގުމަށް ހުރި ދަތިތައް ހައްލުކުރުމަށް ވަޒީފާއަށް މީހުން ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ބެޖޓްގައި ފައިސާ ހިމަނާފައިވަނިކޮށެވެ. އެގޮތުން މިކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 622.6 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *