މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީފައިވާކަމަށ ްބުނެ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ވެރިންތަކެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް އޭސީސީން ހުށަހަޅި މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނިންމަވައިފިއެވެ.
މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީފައިވާކަމަށް ބުނެ އޭސީސީން ދައުވާކުރުމަށް ފޮނުވާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޛު ޢަލީ (ބްލޫބެލް/ ސ.ހުޅުދޫ) އާއި، ޙަމަދު ޢަބްދުލްޣަނީ (ގ.ސައިމާ/ މާލެ) އާއި، ޢަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ) އާއި، މުޙައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ) އާއި، މަރްޔަމް ސަމާޙަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ.
ދައުވާކުރަން ފޮނުއްވި ޝިމާޒްއާއި ހަމަދުއަކީ ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނެވެ.
ޕީޖީ އޮފީހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ނިންމާފައިވާކަމަށެވެ. ޕީޖީ ވިދާޅުވީ އެކަން އޭސީސީއަށްވެސް އަންގާފައިވާކަމަށެވެ.
އޭސީސީން ޕީޖީއަށް ދައުވާކުރަން ފޮނުވި މައްސަލަގައި ވަނީ، ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނަށް ބިޑް ހުށަހަޅާފައިވަނީ 03 ކުންފުންޏަކުންކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށްކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، ތަހުޤީޤުން ބެލިބެލުމުން، ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާކަމަށާއި، ހަމައެހެންމެ، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަޙްޤީޤުން އެނގޭކަމަށެވެ. ވުމާއެކު، އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަޤުސަދުގައިކަން ތަޙްޤީޤަށް ސާބިތުވާކަމަށް އޭސީސީން ބުންޏެވެ.
އަދި މި މައްސަލައަކީ 05 މާރިޗު 2020ގައި އޭސީސީގެ މައްސަލައާގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އާ ޙިއްޞާކޮށް މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ މައްސަލައެއްކަމަށްވެސް އޭސީސީން ބުންޏެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ މި މައްސަލަ ބަލައި، މި ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑަރ ބޯޑުންކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަންގާފައިކަމަށާއި، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ޤާއިމްކޮށްފައިވާ އެ އެއްބަސްވުން 15 އެޕްރީލް 2021 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާޠިލްކޮށްފައިކަމަށްވެސް އޭސީސީން ބުންޏެވެ.
ކޮރަޕްޝަންގެ މި މައްސަލަމި ފެންމަތިވީ ހދ. ކުޅުދުއްފުއްޓާއި ހަނިމާދުއަށް އާ ބަސްތަކެއް ގެންނަން ހަވާލުކުރި ކުންފުނިން ބާ ބަސްތަކެއް ގެނައިކަން ފަޅާއެރުމުން، އެ ބަސްތަކުގައި އަލުން ކުލަ ލައި އެތެރެ ރީތިކޮށްގެން ގެންދިއުމުން ވެސް މިނިސްޓްރީން ހަވާލުވުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މި ތުހުމަތު ބަސް ގެނައި ކުންފުނިން ދޮގުކުރިޔަސް މިނިސްޓްރީ ތެރޭގައި "ސިޔާސީ ގޯސްތަކެއް" ހިނގާ ކަމުގެ ތުހުމަތު އެ ކުންފުނިން ވެސް އޮތީ ކޮށްފައެވެ.
ވަސާޖިއޯއަށް ނަމްބަރު ޕްލޭޓް ހެދުން ހަވާލުކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުން ފެންނަން އޮތީ އެއް ކުންފުންޏަކަށް މާލީ ބޮޑު މަންފާއެއް ލިބޭ ގޮތަށް ހުޅުވާލައި ބޮޑު އަގު ހުށަހެޅި ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައި އޮތް ތަނެވެ. ސްޓީލް ޕްލޭޓެޑް ނަމްބަރު ބޯޑު ހަދައިދޭން، ވަސާޖިއޯ އިން ހުށަހެޅި އަގުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ އެވެ. މި އަދަދު އިތުރުވަނީ އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތަކާއި ދެ ވަނަ ފަހަރަށް ބޯޑު ހައްދަން ވެއްޖެ ނަމަ ވެސް އެ ކުންފުންޏަށް އެކަނި އެކަން ކުރެވޭނެ ގޮތަށް އޮތުމުންނެވެ.