ބާސެލޯނާއަށް ކުރިން ކުޅުނު ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރ ޑެނީ އަލްވޭސް އެނބުރި ބާސެލޯނާއަށް ގުޅިއްޖެއެވެ.
ޑެނީ އަލްވޭސް ބާސެލޯނާ އާއި އަލުން ގުޅިފައިމިވަނީ އެޓީމުގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި އެ ކްލަބުގެ ލެޖެންޑް ޒަވީ ބާސެލޯނާގެ ކަންކަން އިސްލާހުކުރުމަށް ހިންގާ މަސައްކަތްތަކުގެ ދަށުން ދަށުންނެވެ. އަދި މިއީ ޒަވީ ބާސެލޯނާގެ ކޯޗު ކަމާއި ހަވާލުވި ފަހުން އެ ކްލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.
ޑެނީ އަލްވޭސް މީގެ ކުރިން ބާސެލޯނާއަށް ކުޅެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށެވެ. އޭގެ ފަހުން ހިލޭ އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއަށްވެސް އަލްވޭސް ވަނީ ކުޅެފައެވެ. އަލްވޭސް އެންމެ ފަހުން ކުޅުނީ ބްރެޒިލްގެ ސައޮ ޕޯލޯއަށް ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލީ ގަވާއިދުން މުސާރަ ނުދޭތީއެވެ.
8 އަހަރު ބާސެލޯނާއަށް މީގެކުރިންވެސް ކުޅެދީފައިވާ އަލްވޭސް މިފަހަރު ބާސެލޯނާއާއި ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ބާސެލޯނާގައި ހޭދަކުރި 8 އަހަރުގެ ތެރޭގައި އޭނާ ވަނީ 391 މެޗު ކުޅެދީ އެތައް ކާމިޔާބީތަކެއް އެ ކްލަބާއެކު އާއިއެކު ހޯދާފައެވެ. އެގޮތުން ބޮޑު ކާމިޔާބީތަކަށް ބަލާއިރު، ސްޕެނިޝް ލީގު ހަަ ފަހަރާއި ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހިމެނެ އެވެ.