ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ކުރަން ޖެހިފައިވާ މަސައްކަތްތައް ގިނަގުނަ: އެމްއާރުއެމް

ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ކުރަން ޖެހިފައިވާ މަސައްކަތްތައް ގިނަގުނަ: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2021 12:40
0

ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ތަހްނިޔާ އާއި ހެޔޮ އެދުންތައް ފޮނުވައި އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާން ތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައި ވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭކަމަށެވެ.

މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ. ޖުމްހޫރީ ދުވަސް މިއަހަރު އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރި އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުގައި މިބަލި އިތުރަށްދަނީ ފެތުރެމުން. އެހެންކަމުން، މިބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދުވެސް އަޅުގަނޑުމެން ޢަޒުމު ވަރުގަދަކުރަން ޖެހޭ.

– އެމްއާރުއެމްއިން ބުނެފައިވެއެވެ.

ޖުމްހޫރީ ދުވަހުގެ މި މުނާސަބަ ދަނޑިވަޅުގައި ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމަޢެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައާއި، ރައްޔިތުންނަށް ކުރިއެރުން ގެނައުމުގައި ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ހުރުމުގެ ފައިދާ ދިވެހީން ދެކިފައިވާ ކަމެވެ. އަދިވެސް އެއްފަހަރު، ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، މާތްﷲ ގެ ރަޙްމަތްފުޅުން ކޯވިޑްގެ މިނުރައްކާ ބަލިން ދިވެހި އުންމަތާއި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމެވެ. އަދި ދިވެހި ޖުމްހޫރިއްޔާ އަށް އިތުރު ކުރިއެރުން ލިބިދެއްވައި، ދިވެހި ރައްޔިތުންނަށް އުފާ ފާގަތި ކަމާއި ތަނަވަސްކަން މިންވަރު ކޮށްދެއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.