އަފްއާނިސްތާނުގެ ބައިވެރިވުމެއް ނެތި، އަފްއާނިސްތާނާބެހޭ މަޝްވަރާތައް އިންޑިއާގައި ބާއްވައިފި

އަފްއާނިސްތާނުގެ ބައިވެރިވުމެއް ނެތި، އަފްއާނިސްތާނާބެހޭ މަޝްވަރާތައް އިންޑިއާގައި ބާއްވައިފި

Author
ހުސެއިން
10 ނޮވެމްބަރ 2021 02:21
0

އަފްއާނިސްތާނުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކާ، ރަޝިއާ، އިރާންގެ އިތުރުން މެދުތެރޭ އޭޝިއާގެ ގައުމުތަކުން އިންޑިއާގައި ޚާއްސަ ސަމިޓެއް ބާއްވައިފިއެވެ. އެހެންނަމަވެސް މި ސަމިޓުގައި އިފްއާނިސްތާނުގެ އެއްވެސް އޮފިޝަލަކު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

ދިއްލީ ރީޖަނަލް ސެކިއުރިޓީ ޑައިލޮގްގެ ގޮތުގައި އަފްއާނިސްތާންގެ ހާލަތާ ގުޅޭގޮތުން މިހަފްތާގެ ބުދަ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވުނު މި ސަމިޓަށް އިންޑިއާގެ ވާދަވެރި ޕާކިސްތާންގެ އިތުރުން ޗައިނާއަށް ދައުވަތު ދީފައި ވެއެވެ. އެހެންނަމަވެސް މި ދެގައުމުން މި ބައްދަލުވުމުގައި ބައިވެރި ވެފައެއް ނުވެއެވެ.

މި ބައްދަލުވުމަށް، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިޓް ދޯވާލްވަނީ އިރާނުގެ ސެކިއުރިޓީ ޗީފްގެ އިތުރުން، ކަަޒަކިސްތާން، ކިރްގިސްތާން، ރަޝިއާ، ތަޖިކިސްތާން، ތުރުކަމިނިސްތާން އަދި އުޒްބަކިސްތާންގެ ސެކިއުރިޓީއާބެހޭ އިސް ބޭފުޅުންނަށް ދައުވަތު ދީފައެވެ.

"މިއީ އަހަރެމެންގެ މެދުގައި ގާތް ގުޅުމެއް ބާއްވަންވީ ވަގުތު،" މިބައްދަލުވުން ހުޅުއްވައި ދެއްވަމުން ވާހަކަ ދައްކަވަމުން ދޯވާލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިބައްދަލުވުމުގެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އަފްއާނިސްތާންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް މިސަމިޓްގެ ފައިދާ ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާރޒް (MEA)އިން އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، މި ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން، "ހުރި ސެކިއުރިޓީއާއި ގުޅުންހުރި ގޮންޖެހުންތައް ހައްލުކުރުމަށް ފުރުސަތު ލިބިގެން ދިއުމުގެ އިތުރުން، އަފްއާނިސްތާނުގައި ސުލްހަވެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެހީތެރި ވެދޭނެ"އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި، ގައުމުތަކުގެ ސެކިއރިޓީއާއި ގުޅުންހުރި އިސް އޮފިޝަލުން ބުދަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަފްއާނިސްތާނުގެ ސަލާމަތާއި ގުޅޭގޮތުން ބޭއްވުނު ކުރީގެ ބައްދަލުވުންތައް ބާއްވާފައިވަނީ 2018 އަދި 2019 ވަނަ އަހަރު އިރާންގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.