ސާބިތުވެއްޖެނަމަ އެންމެ ކުޑަވެގެން ޔުނާނަށް 110 އަހަރު، ރިހުލާއަށް 50 އަހަރުގެ ޖަލު ހުކުމެއް

ސާބިތުވެއްޖެނަމަ އެންމެ ކުޑަވެގެން ޔުނާނަށް 110 އަހަރު، ރިހުލާއަށް 50 އަހަރުގެ ޖަލު ހުކުމެއް

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 09:04
0

ކުޑަ ފިރިހެންކުއްޖަކާއި މެދު ބަދުއަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ މައްޗަށް މިއަދު ވަނީ ދައުވާ ކޮށްފައެވެ

ޕީޖީ އޮފީހުން ވިދާޅުވީ ގދ. ހޯނޑެއްދޫ، އަލަމާގެ، މުޙައްމަދު ޔުނާންއާއި، ކ. މާލެ، މ. ނަރުގިސްމާގެއާގެ، ފާޠިމަތު ރިހުލާ، 2019 ވަނައަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، މުޙައްމަދު ޔުނާންގެ މައްޗަށް 9 ދަޢުވާ، ފާޠިމަތު ރިހްލާގެ މައްޗަށް 5 ދަޢުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅައިފައިވާކަމަށެވެ.

ޔުނާންގެ މައްޗަށް އުފުލާފައި ނުވަ ދައުވާ ސާބިތު ވެއްޖެނަމަ އޭނާއަށް އެންމެ ކުޑަވެގެން 110 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އެންމެ ގިނަވެގެން 133 އަަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭނާގެ އަންހެނުން ރިހުލާގެ މައްޗަށް އުފުލާފައިވާ 5 ދައުވާ ސާބިތު ވެއްޖެނަމަ އެންމެ ކުޑަވެގެން50 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އެންމެ ގިނަ ވެގެން 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޖިންސީ ގޯނާއާއި، ރޭޕްއަކީ ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު ޖިންސީ މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ޤާނޫނުގައި ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ޔުނާންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، ޖިންސީ ޢަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދަޢުވާއާއި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ ޢަމަލެއް ހިންގުވުމުގެ 2 ދަޢުވާގެ އިތުރުން އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދަޢުވާއަކާއި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ޙާޟިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަޤްޞަދުގައި ޖިންސީ ޢަމަލެއް ހިންގުމުގެ 2 ދަޢުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާވެސް ހިމެނެއެވެ.

ޔުނާންގެ އަންހެނުންގެ މައްޗަށް ކުރާ ދަޢުވާތަކުގެ ތެރޭގައި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމާއި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ޙާޟިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަޤްޞަދުގައި ޖިންސީ ޢަމަލެއް ހިންގުމުގެ 2 ދަޢުވާއާއި އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.