މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) ގައި ދިވެހިރާއްޖެ އާއި ސްރީ ލަންކާ މިރޭ ކުޅެން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.
ލަންކާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރަން އޮތް މެޗު ފަސްކުރީ ލަންކާއަށް މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މި މެޗުގެ އިތުރުން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ރޭ ވަނީ މި މުބާރާތުގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ސީޝެލްސް ވާދަކުރަން އޮތް މެޗުވެސް މާދަމާއަށް ފަސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކުޅެން ތާވަލްކުރި 2 މެޗުވެސް މިހާރު ވަނީ މާދަމާ ކުޅޭ ގޮތަށް ޝެޑިއުލްކުރެވިފައެވެ. މުބާރާތް ރަސްމީކޮށް ހުޅުވާނީ ރާއްޖެ-ލަންކާ ބައްދަލުކުރާ މެޗުންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވުމަށް ލަންކާގެ ރައީސްގެ ދަޢުވަތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
މި މުބާރާތް ކުރިން ޝެޑިއުލްކޮށްފައި އޮތީ ނޮވެމްބަރ 8 އިން 17 ގެ ނިޔަލަށެވެ. ނަމަވެސް ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަޑައިގަންނަވާތީ ފައިނަލް މެޗު މިހާރު ވަނީ 19 އަށް ފަސްކޮށްފައެވެ.
މި މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝް، ދިވެހިރާއްޖެ އަދި ސީޝެލްސްގެ އިތުރުން މުބާރާތް ބާއްވާ ސްރީ ލަންކާއެވެ.