އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތްދަށުވެ، ފުރަތަމަ ފަހަރަށް ލީގުގައި ލިވަޕޫލް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ އެންމެ ފަހުން ކުޅުނު 25 މެޗަށްފަހު އެ ޓީމު ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.
މި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. މި ލަނޑަކީ މެޗުގެ 4 ވަނަ މިނެޓުގައި، ލިވަޕޫލްގެ ކީޕަރ އެލިސަން ބެކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ. މި ލަނޑަކީ ލިވަޕޫލަށް ލިބުނު ހިލޭ ޖެހުމަކުން އަލެކްސަންޑަ އާނޯލްޑް ޖެހި ރީތި ލަނޑެކެއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ވެސްޓް ހޭމުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޖެރޮޑް ބޮވެންގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯނާލްސްއެވެ. ވެސްޓް ހޭމްގެ ތިންވަނަ ލަނޑު ޖަހާފައިވަނީ 74 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ޑިފެންޑަރު ކާޓް ޒޫމާއެވެ. ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗު ނިމެން ދަނިކޮށް ލިވަޕޫލަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ، 84 ވަނަ މިނެޓުގައި ޑިވޮކް އޮރީގީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން ބަލިވުމާއެކު ލިވަޕޫލް ވަނީ ލީގު ތާވަލްގެ 4 ވަނައަށް ވެއްޓިފައެވެ. ލިވަޕޫލް 4 ވަނައިގައި އޮތީ 11 މެޗުން ލިބުނު 22 ޕޮއިންޓާއެކުއެވެ. މެޗުން މޮޅުވި ވެސްޓް ހޭމް ޔުނައިޓެޑް ވަނީ މި މެޗުން ހޯދި މުހިއްމު 3 ޕޮއިންޓާއެކު 3 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެއީ 11 މެޗުން ލިބުނު 22 ޕޮއިންޓާއެކުއެވެ.