ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް، ޖާގަ ހޯދުމަށް ކުރެވޭ މަސައްކަތަށް އަބަދުވެސް ފާރަވެރިވާންޖެހޭ ކަމުގައި އެމްއާރުއެމްއިން ބުނެފިއެވެ.
ރާއްޖެ އިސްލާމީ ދުވަހުގެ މުނާސަބަތުގައި އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ޤަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު ކަމަށް ތާރީޚީ ލިޔުމުން އެގޭކަމަށެވެ. އަދި، ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދްމަތް ތަކެއް ކުރެއްވި މަޣްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި އަދި ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމުގައި އެމްއާރުއެމް އިން ބުނެފައިވެއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށްވެސް ވަނީ ބުނެފައެވެ.
މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް މި ލޮބުވެތި ދިވެހިރާއްޖެއަށް މިންވަރު ކުރެއްވިކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތްގެމަތީގައި ވަރުގަދައަށް ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދިވެހީންނަށް ދެއްވައި، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވައި، ރާއްޖެއަކީ އަމަން އަމާން ކަން ޤާއިމު ވެފައިވާ ޞުލްޙަ މަޞްލަޙަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ދުޢާ ކުރަން. އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުންޖެހޭނެ ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.