ބަޢާވާތަށްފަހު ސޫދާންގައި އަނެއްކަވެސް އާ ސަރުކާރެއް އެކުލަވާލަނީ

ބަޢާވާތަށްފަހު ސޫދާންގައި އަނެއްކަވެސް އާ ސަރުކާރެއް އެކުލަވާލަނީ

Author
ހުސެއިން
05 ނޮވެމްބަރ 2021 09:22
0

ފާއިތުވެދިޔަ ހަފްތާގައި ސޫދާނަށް ގެނެވުނު އަސްކަރީ ބަޢާވާތަށްފަހު، ދުނިޔޭގެ ފާޑު ކިޔުންތަކާއި އަދި އެގައުމުގައިވެސް އަސްކަރިއްޔާއާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ކުރިޔަށް ގޮސްފައިވަނިކޮށް، މަދަނީ ފަރާތްތަކާއި އަސްކަރިއްޔާ ގުޅިގެން އުފައްދާ އާ ސަރުކާރެއް އިއުލާން ކުރުމާ ހަމައަށް ގޮސްފައިވާކަން، އަސްކަރިއްޔާއިން ހާމަ ކޮށްފިއެވެ.

ސޫދާންގައި ދިގުމުއްދަތެއް ވަންދެން ވެރިކަން ކުރަމުންއައި އުމަރު އަލް ބަޝީރުގެ ވެރިކަން، އޭނާގެ ވެރިކަމާ ދެކޮލަސް 2019 ވަނަ އަހަރު ކުރިޔަށްދިޔަ ބޮޑެތި މުޒާހިރާތަކާއެކީ ނިމިދިއުމަށްފަހު، ގައުމުގެ ވެރިއެއްގެ ގޮތުގައި ހުންނަވަމުން ވަޑައިގަންނަވާ، ޖެނެރަލް އަބުދުލް ފައްތާހު އަލް ބުރުހާން ވަނީ ފާއިތުވެދިޔަ ހަފްތާގައި އެގައުމުގައި ސަރުކާރު ރޫޅާލާ، ސަރުކާރުގެ ތެރޭގައި ތިއްބެވި މަދަނީ ވެރިން ހައްޔަރުކޮށް، މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ހައްޔަރުކުރި މަދަނީ ވެރިންގެ ތެރޭގައި އެގައުމުގެ ބޮޑުވަޒީރުވެސް ހިމެނިވަޑައި ގަންނަވައެވެ.

އެހެންނަމަވެސް އޮކްޓޯބަރު މަހު 25ވަނަ ދުވަހު އަސްކަރިއްޔާއިން ބާރުތައް ނެގި ނަމަވެސް، ދެފަރާތުންވެސް ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމި ފަރާތްތަކުންވަނީ ސޫދާނަށް ޕްރެޝަރުތައް ކުރިމަތި ވެފައެވެ.

"އަހަރެމެން މިތިބީ ގައުމުގެ އެތެރެއާއި ބޭރުންވެސް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، ގައުމީ މަސްލަހަތުގައި، ނިންމަންޖެހޭ ކޮންމެ ނިންމުމަށް ނިންމުމަށް ތައްޔާރަށް،" އަލްބުރުހާންގެ މީޑިއާ އެޑްވައިޒަރ ތާހިރު އަބޫހާގާ އާއި ހަވާލާދީ ސޫދާންގެ ޓީވީއިން ރިޕޯޓު ކޮށްފައި ވެއެވެ.

2019 ވަނަ އަހަރުން ފެށިގެން ސޫދާންގައި ވެރިކަން ކުރަމުން އަންނަނީ ގުޅިފައިވާ މަދަނީ – އަސްކަރީ ކައުންސިލަކުންނެވެ. މިއީ، އާ އިންތިޚާބަކާ ހަމައަށް ދެވެންދެން އެކަށއެޅި އިންތިގާލީ އިންތިޒާމެކެވެ.

ސޫދާންގައި ދިގުމުއްދަތެއް ވަންދެން ވެރިކަން ކުރަމުންއައި އުމަރު އަލް ބަޝީރުގެ 30 އަހަރުގެ ވެރިކަމުގައިވެސް އަސްކަރިއްޔާގެ ޖެނެރަލެއްގެ ގޮތުގައި ހުންނެވި އަލް ބުރުހާން ވިދާޅުވެފައިވަނީ، އަސްކަރިޔާއިން ފާއިތުވެދިޔަ ހަފްތާގައި ވެރިކަމުގެ ބާރުތައް އަތުލި އަތުލުކަމީ ގެނެވުނު ބަޢާވާތެއް ނޫން ކަމުގައެވެ. އަދި އޭނާވަނި މަދަނީ ސަރުކާރެއް އެކުލަވާލައްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.