އޯޑިއޯތަކުން އަޑު ދިމާވަނީ ގާޒީ ފާއިޒު އެކަނި، މައްސަލަ ތަހުގީގް ކުރަނީ

އޯޑިއޯތަކުން އަޑު ދިމާވަނީ ގާޒީ ފާއިޒު އެކަނި، މައްސަލަ ތަހުގީގް ކުރަނީ

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 08:06
0

ދާދި ފަހުން ލީކުވި ފަނޑިޔާރުންގެ އޯޑިއޯތަކުން ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާވާތީ އެމައްސަލަ ތަހުޤީގުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންގެ އިދާރާއަށް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ފުލުހުން ފޮނުވާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމް އާއި މަހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، ފޮރެންސިކް ތަހުގީގަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައި ވާ ވަކި ބައެއް ޑިލީޓުކޮށް ނުވަތަ ވަކި ކްލިޕުތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ އޯޑިއޯގައި އިވެނީ ގާޒީ ފާއިޒުގެ އަޑުކަމަށް އޭނާ އިންކާރު ކުރިކަމުގައި ވިޔަސް، އޯޑިއޯގެ އަޑާ އޭނާގެ އަޑު ދިމާވާކަމަށް އޯޑިއޯ އެނަލެސިސްއިން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ޖޭއެސްސީން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ނިންމާ ތަހުގީގު ކޮމެޓީއެއް އެކުލައިލައިފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގާޒީ ފާއިޒުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއްކޮށްފައިވާކަމަށް ބުނެފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޤާޟީ އަލްއުސްތާޛު ޢަލީ އާދަމް އާއި ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

– ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީގެ ބަޔާނުގައިވަނީ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒު ހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެ އޯޑިއޯގައި ޝަރީއަތާއި ގުޅޭ ވާހަކަތަކެއް ކޯޓުން ބޭރުގައި ދައްކާފައިވާތީ އެހެން ފަނޑިޔާރުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮތްކަންވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަން މިކޮމިޝަނުން ފާހަގަކުރަމެވެ.

– ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

ކޮމިޝަންގެ ބަޔާން ނިންމާލާފައިވަނީ ޞައްޙަ ނޫން އޯޑިއޯތަކެއް ހަދާ ފަނޑިޔާރުންގެ މައްޗަށް ދޮގު ތުހުމަތުކޮށްފައިވާތީ އެކަން ކުޢްވެރިކުރަމުންނެވެ. އަދި ފަނޑިޔާރުންނާއި ގުޅޭ ގޮތުން ލިބޭ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މީޑިއާތަކުން ނުގެނެސްދިނުމަށް އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.