މާލޭ ޖެޓީ ސަރަހައްދުން ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮށްޓެއް ވަގަށްނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ 2 ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮށްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގ ޒޯނާ ދިމާ ޖެޓީމަތީގައި ހުއްޓާ ގެއްލިގެން، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ފޮށީގައި ތިން ލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ އެކު ފޮށި ހޯދުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، ފޮށި ވަގަށްނެގި މީހާ ފުލުހުން ދެނެގަނެ، އޭނާ ފޮށި ގެންދިޔަ ތަން ވަނީ ހޯދާފައެވެ.
އެގޮތުން، މި ފައިސާ ވަގަށްނެގި ކަމުގެ ތުހުމަތުގައި، މިދިޔަ އޮގަސްޓު 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ސެވެންސްޓަރ / ލ. މުންޑޫ، އަލީ ނާޡިމް (44އ) ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް، ވަގަށްނެގި ފޮށި ބަލައި ފާސްކުރި އިރު، 248,500 އަށްވުރެ ގިނަ ރުފިޔާ އާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7،000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ