މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޒުވާނަކު، ސުވާލުކުރުމުން އޭނާގެ ކުރިމަތިފަރާތުގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަމިއްލައަށް ނެރެ ފުލުހުންނާ ހަވާލުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. މިލަދޫއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ. މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް، އޭނާ ހުއްޓުވަން އުޅުނު ވަގުތު އަމަލުތައް ހުރި ގޮތުން ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންނަށް ޝައްކުވިއެވެ. އަދި ހެކި ނައްތާލަފާނެ ކަމަށް ބެލެވުމުން، ގާނޫނީ އިންޒާރު ދިނުމަށްފަހު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މައި އިދާރާ ކަމަށްވާ ޝަހީދު އާދަމް ހުސައިން ބިލްޑިންގަށް ގެންގޮސް ސުވާލުކުރި ވަގުތު، ކުރިމަތިފަރާތުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް އޭނާ އަމިއްލައަށް ބުނެ، ޖިންސް ތެރެއަށް އަތްލައި ޕެކެޓެއް ފުލުހުންނާ ހަވާލުކުރި ކަމަށް ކޯޓު އަމުރުން އެނގެއެވެ. އެ ޕެކެޓު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 14 ރަބަރު ޕެކެޓު ފުލުހުންނަށް ފެނުނެވެ.
ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވި ނަމަވެސް، ފަހަކަށް އައިސް މި ޓްރެންޑު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
ކޮމެންޓު ފޮނުވާ