ރަތަފަންދުއަކީ ނިމިދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ރަށެއް ކަމަށާއި، ނަމަވެސް މިސަރުކާރުން ރަތަފަންދޫއަށް އުފާވެރިކަން ގެނެސްދީފައިވާކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
އަންނަ އަހަރަށް ސަރުކާރުން ލަފާކުރި ބަޖެޓުގައި އަތޮޅު ތެރޭގެ ރަށްތަކުގެ ތަރައްޤީއަށް ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. ރަތަފަންދޫއަށް ސަރުކާރުން ދީފައިވާ ޚާއްސަ އިސްކަމަށް ޝުކުރު އަދާކޮށް ސައުދު ވިދާޅުވީ، ރައީސް ޞާލިހު ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ބަޖެޓުގައި އައިސް ޕްލާންޓްގެ މަސައްކަތް ހިމެނުމަކީ ރަތަފަންދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ގދ.ރަތަފަންދޫއަކީ ވޭތުވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާޅު ވެފައި އޮތް ރަށެއް. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިކަން ނިމަކަށް ގެނެސް ރަތަފަންދޫ ރައްޔިތުންނަށް ރަށުގަ ތިބެގެން އާމްދަނީ ލިބޭނެ މަގު ފަހި ކޮށްފަ. އައިސްލާންޓް ބަޖެޓް ކުރެވިގެން ދިއުމަކީ ލިބޭ އުފަލެއް.
– ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރައީސް ޞާލިހު ނިމިިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރަތަފަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ރަށުގައި ތިބިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދެއްވުން ކަމަށާއި، އެކަން އެމަނިކުފާނު ކޮށްދެއްވާކަމީ އުފަލާއިއެކު ބަލައި ގަންނަ ކަމެއްކަމަށް ސައުދު ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބު ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރަތަފަންދޫއަށް ވަޑައިގެން، ރައީސް އަރިހުގައި އަޅުގަނޑު އެދުނު އެންމެ ބޮޑު އެއްކަމަކީ ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތެއް ހޯދުން. މިއަދު މިވަނީ އެ ހުވަފެނުގަ ކުލަ ޖެހެން ފަށާފަ.
– ސައުދު ވިދާޅުވިއެވެ.
އާބަދީ ކުޑަ ނަމަވެސް ސަރުކާރުން ރަތަފަންދޫގައި ކުރިއަށްދެންގާ ތަރައްޤީގެ މަޝްރޫޢުތައް މަދެއް ނޫނެވެ. މިހާރުވެސް ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި، ފެނާއި ނަރުދަމާގެ މަސައްކަތާއި، ގޮޑުދޮށް ހިމާޔަތް ކުރުމާއި، ބޯފެން ރައްކާ ކުރާނެ ނިޒާމެއް ޤާއިމް ކުރުމުގެ އިތުރުން ހުވަދޫ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތްވެސް ހިނގައެވެ. އަލަށް ފެށުމަށް ބަޖެޓް ކުރެވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އައިސް ޕްލާންޓް ގާއިމް ކުރުމާއި، ރަތަފަންދޫ ސްކޫލުގެ 6 ކްލާސްރޫމު އެޅުމަށް ވަނީ ހަމަ ޖެހިފައެވެ.