ގަލޮޅު މަދަރުސާގެ ޖިންސީ ގޯނާ: ފުރިހަމަ ތަހުގީގެއްކޮށް، ފިޔަވަޅު އެޅުމަށް މަޖިލީހަށް މައްސަލައެއް

ގަލޮޅު މަދަރުސާގެ ޖިންސީ ގޯނާ: ފުރިހަމަ ތަހުގީގެއްކޮށް، ފިޔަވަޅު އެޅުމަށް މަޖިލީހަށް މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2021 07:44
0

ގަލޮޅު މަދްރަސާގައި 4އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގާ، އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމްއެވެ. ޝިޔާމްގެ މައްސަލާގައި ބުނެފައިވަނީ މި ޙާދިސާއާއި ގުޅިގެން އެންމެ ފުރަތަމަވެސް ސްކޫލުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަކޮށްކަމާއި ކުދިން ސްކޫލްގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިއްމާ ސްކޫލްތަކުން ފުރިހަމައަށް ނަގަންޖެހޭ ވަގުތުތަކެއް ކަމަށްވީނަމަވެސް ގަލޮޅު މަދްރަސާގައި އެ ދަރިވަރު ހަވާލުވެގެންހުރި ޓީޗަރަށްވެސް ދަރިވަރު ހަވާލުކުރެވުނީ ކާކާ ކަންވެސް ނޭނގި އަދި ސްކޫލްގައި ކަން ހިނގާދިޔަގޮތްބެލޭނެ ކެމެރާތަކެއްވެސް ނެތް ކަމަށެވެ.

މިކަމުގެ ޒިއްމާއިން ރެކެން ސްކޫލްގެ މެނޭޖްމަންޓުން މަސައްކަތްކޮށްފައިވާތީއާއި، މިފަދަ ހައްސާސީ މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަ ވަހަށް ހެދޭނެ އިންތިޒާމުތަކެއް އެކުލަވާލުމަކީ ވަރަށް މުހިއްމު ކަމެއްކަމަށްވީނަމަވެސް އެކަންވެސް ކުރެވުނީ ވަރަށް ލަހުން ކަމަށްވާތީއާއި ރިޕޯޓު ހެދުން ލަސްވުމަކީ މިފަދަ މައްސަލަތަކުގައި ލިބޭ އަނިޔާގެ މިންވަރު ދެނެގަތުމަށް އެޅޭ ހުރަހެއްކަމަށް މައްސަލާގައި ބުނެފައިވެއެވެ. މިމައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީން ނިންމަންޖެހޭ ނިންމުންތައް އެހާމެ ލަސްކަމާއި އަދި މިމައްސަލައަށް ސަމާލުކަމެއް ލިބުނީ މީޑިއާއިން މިކަމާގުޅޭގޮތުން ރިޕޯޓުތައް ގެނެސްދޭން ފެށުމުން ކަމަށް ވާތީއާއި، މިމައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ޢަމަލުކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަކޮށް ކަމަށް ޝިޔާމްގެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

އެެތައް ސަތޭކަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާ ސްކޫލަކުން ދަރިވަރަކަށް މިފަދަ އަނިޔާއެއް ލިބިގެން ދިއުމަކީ ސްކޫލްގެ ނިޒާމަށް ސްކޫލްތަކަށް ބެލެނިވެރިންގެ ހިތުގައި އޮތް ޔަގީންކަން ކުޑަވެ މުސްތަގްބަލުގެ ޖީލުތަކަށް މިކަމުގެ ސަބަބުން ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށްވާތީއާއި، މިކަމުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާތީ ސްކޫލްތަކުގައި މިހާރަށްވުރެ ބޮޑަށް ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއް.

– މައްސަލާގައި ބުނެފައިވެއެވެ.

ގަލޮޅު މަދްރަސާގައި 4އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގާ، އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅާ، މިފަދަ ކަންކަން ތަކުރާރުނުވާފަދަ ގޮތަކަށް ސްކޫލްތަކުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރު މަށާއި، ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، މިފަދަ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން އަވަސް ފިޔަވަޅު އެޅުމަށް މިމައްސަލަގައި ސަރުކާރަށް ގޮވާލާ ފައިވެއެވެ.

ގަލޮޅު މަދަރުސާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކުރާ އެންމެން އިއްޔެ ވަނީ ސަސްޕެންޑް ކޮށްފައެވެ. ސްކޫލުން ބުނީ މީގެ ފަހުން ފާހާނާ ކުރުމަށްފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކުވާނަމަ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެ ކަމަށެވެ. އަދި ސްކޫލުގައި 18 ސީސީޓީވީ ކެމެރާއެއް ހަރުކުރާނެ ކަމަށްވެސް ސްކޫލުން ބުންޏެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ "ވަގުތު"އަށް ވިދާޅުވީ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ އިދާރީ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މައްސަލަ ބަލައި ނިމެންދެން ކަމަށެވެ. އެކަމުގެ ތުހުމަތަށް ދެ މުވައްޒަފަކާއި ދަނީ ސުވާލުކުރަމުންނެވެ.

އެ ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުން ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަތައް އޮއްބާލަން ސްކޫލުން މަސައްކަތް ކޮށްފައިވެއެވެ. ކުއްޖާގެ ބަޔާން ފުލުހުން ވަނީ ނަގާފައެެވެ. ޖިންސީ ގޯނާގެ ސަބަބުން ކުއްޖާ އަށް ޖިސްމާނީ އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށްވެސް އަވަސް އަށް އެނގިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.