އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އިން ލިވަޕޫލް މޮޅުވާން ދަނިކޮށް ފަހަތުން އަރައި 2 ލަނޑު ޖަހައި ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި ސަލާހްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ، ކެޕްޓަން ހެންޑަސަންއެވެ. ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ޗެމްބަލައިން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ. މި ލަނޑަށްފަހު މާނޭ ވަނީ 33 ވަނަ މިނެޓުގައިވެސް ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މި ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ. އެއީ މާނޭގެ އަތުގައި ޖެހިފައި ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިިމުމުގެ ކުރިން ބްރައިޓަން އިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ބްރައިޓަން އިން ވަނީ ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ޑިފެންސަށް ބާރުބޮޑު ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 65 ވަނަ މިނެޓުގައި ޓްރޮސާޑް ވަނީ ބްރައިޓަން އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދީފައެވެ. މި ލަނޑަށްފަހު ބްރައިޓަންގެ ކުޅުން ވަނީ އިތުރަށް ރަނގަޅުކޮށް މެޗުން މޮޅުވާން އަދި އިތުރު ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކޮށްފައެވެ.
މި މެޗުން އެއްވަރުވުމާއެކު ލިވަޕޫލް އޮތީ 10 މެޗު ކުޅެގެން ލިބުނު 22 ޕޮއިންޓާއެކު ލީގު ތާވަލްގެ 2 ވަނައިގައެވެ. ބްރައިންޓަން އަށް 10 މެޗުން ލިބުނު 16 ޕޮއިންޓާއެކު އޮތީ 6 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ