ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢޫވާކުރަން ފޮނުވާމައްސަލަތަކުގައި އެއޮފީހުން ތަފާތުކުރުންތައް ގެންގުޅޭކަމަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް ޕީޖީ އޮފީހަށް ފާޑުވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ އޭސީސީން ތަހުގީގްކޮށް، ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ ވަނީ އެމައްސަލާގައި ދައުވާކުރެވޭނެ މިންވަރާ ގާތަށްވެސް ހެކި ނެތްކަމަށް ވިދާޅުވެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ތަހުގީގު ރިޕޯޓުން، ދައުވާ ކުރެވޭނެ މިންވަރަށް ހެކި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވަނީ ވިދާޅުވެފައެވެ.
މިކަމަށް އިޝާރާތްކުރައްވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ދަޢުވާކުރަން ބޭނުންވާ މައްސަލަތަކުގައި 1 ދުވަހުންވެސް ދައުވާ ކޯޓަށް ހުށަހެޅޭކަމަށެވެ. ނަމަވެސް ވެންޓިލޭޓަރ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުނުތާ 1 ހަފްތާ ތެރޭގައި ދަޢްވާ ނުކުރަން ނިންނެވިއިރު، މާލެ ސިޓީ މޭޔަރުގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުނުފަހުން 1 މަސް ވީއިރުވެސް “ދިރާސާ” ކޮށް ނުނިމޭކަމަށެވެ.
ޕީޖީ އޮފީހަށް ހައިލަމް ފާޑުވިދާޅުވެފައިވާއިރު، މާލޭ ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އެބަހުރިކަމަށް ބުނެ އެމައްސަލަ އޭސީސީން ތަހުގީގްކޮށް ދައުވާކުރަން ޕީޖީއަށް ފޮނުވިތާ މަހެއް ފާއިތުވީއިރު އަދިވެސް އެ މައްސަލަ ބަލައިގަތުމާ މެދުގޮތެއް ނުނިންމާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މޭޔަރު ސިފާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސިފާގެ މައްޗަށް ދައުވާ ނުއުފުލެވޭނެކަމަށް ވިދާޅުވެ ސިފާ ދިފާޢުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މައްސަލަތަކުގައި ޕީޖީން ދައުވާކުރުމާމެދު ޢަމަލުކުރާ ގޮތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައިވެސް މެންބަރުންގެ ނުރުހުމާއި ފާޑުކިއުން ޕީޖީއަށް އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ