ދިވެހި ޙައްޖުވެރިންގެ ޙާލު ރަނގަޅު، އަރަފާތަށް ދިޔުމަށް މިރޭ ފުރަނީ

ދިވެހި ޙައްޖުވެރިންގެ ޙާލު ރަނގަޅު، އަރަފާތަށް ދިޔުމަށް މިރޭ ފުރަނީ

Author
އަހުމަދު
25 މެއި 2026 10:49
0

ދިވެހި ޙައްޖުވެރިން މިހާރު މިނާގައި ތިބިއިރު، އަރަފާތު ބިމަށް ދިއުމަށް ރާއްޖެގަޑިން މިރޭ ފުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައި ހުރިހާ ދިވެހި ޙައްޖުވެރިންވެސް ވަނީ މިނާއަށް ގޮސްފައެވެ. މިނާގައި ޙައްޖުވެރިންނަށް ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާއިރު، އަންހެނުންނާއި ފިރިހެނުންނަށް ވަކިން އޭސީ ޓެންޓުތަކާއި ކެއިންބުއިމަށް ޚާއްސަ ބުފޭ ސަރަޙައްދެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ކޮންމެ ޙާޖީއަކަށް ސޯފާ ބެޑަކާއި، ބާލީހާއި، ބެޑްޝީޓުގެ އިތުރުން މުސައްލަ، ކުޑަ، ފެންފުޅި އަދި ރީތިވާ ސާމާނު ހިމެނޭ ޚާއްސަ ޕެކޭޖެއް ވަނީ ފޯރުކޮށްދީފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދިވެހި ޙައްޖުވެރިންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތާއި އެހީތެރިކަން ލިބިގެންދާ ފަހަރެވެ. މިނިސްޓަރު ވަނީ ހުރިހާ ޙައްޖުވެރިންނަށް، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ހެޔޮ ސިއްޙަތަކާއި ހިތްވަރު ދެއްވުން އެދި ދުޢާކުރައްވާފައެވެ.

ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދޭގޮތުގައި ދިވެހި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް މިވަގުތު ރަނގަޅެވެ. އަދި ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް މިޝަންގެ ފަރާތުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަޤީންކަން އެފަރާތުން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.