މިއަހަރު ރާއްޖެއަށް ދަތުރުކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ބޮޑުބެރު ޓީމުންނެވެ.
ހުކުރު ދުވަހުގެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިޔަށް ދިޔަ ހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ޓީމުގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ޑާންސް ގްރޫޕުގެ ހަރަކާތްތައް ވެސް ފެނިގެންދިޔައެވެ. މިއީ މިފަދަ ބޮޑު ޕްލެޓްފޯމެއްގައި އެމް.އެން.ޔޫ.އެސް.ޔޫގެ ބޮޑުބެރު ޓީމުގެ ހުށަހެޅުމެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
އެހެންނަމަވެސް މީގެ ކުރިން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ޓީމުން ވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުގެ ހަރަކާތްތަކުގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫގައި ބޭއްވޭ ތަފާތު އެކިއެކި ހަރަކާތްތަކުގައި ޕާފޯމް ކުރަމުންނެވެ. އެހެންނަމަވެސް މިއަހަރުން ފެށިގެން ބޮޑުބެރު ގްރޫޕްގެ މަސައްކަތްތައް ފުޅާކޮށް ޔުނިވަރސިޓީން ބޭރުގައި ބޭއްވޭ އިވެންޓްތަކުގައި ވެސް އަންނަނީ ޕާފޯމް ކުރަމުންނެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ އަމާޒަކީ ކުރިޔަށް އޮތްތަނުގައި ސަގާފީ ކްލަބެއް އެކުލަވާލާ އެ ކްލަބްގެ ދަށުން ސަގާފީ ކުޅިވަރުތައް ދިރުވައި ބައިނަލްއަގްވާމީ ޕްލެޓްފޯމުގައި އެމް.އެން.ޔޫ ދަރިވަރުންގެ ހުނަރު ދައްކުވައިދިނުމެވެ.
ކޮމެންޓު ފޮނުވާ