ގެދަބުޅި ބޭރުކުރާ ހަކަތައިގެ ނުރައްކާތެރިކަމުގެ މެސެޖް ޔޫންގައި ދިނީ ޑައިނަސޯއެއް

ގެދަބުޅި ބޭރުކުރާ ހަކަތައިގެ ނުރައްކާތެރިކަމުގެ މެސެޖް ޔޫންގައި ދިނީ ޑައިނަސޯއެއް

Author
ހުސެއިން
28 އޮކްޓޯބަރ 2021 06:11
0

ތިމާވެއްޓަށް ގެއްލުންދާ ހަކަތައިގެ ބާވަތްތައް އެންދުމުން ބޭރުވާ ގެދަބުޅިން ދުނިޔެއަށް ލިބެމުންދާ ގެއްލުމުގެ ނުރައްކާތެރި ކަމުގެ އިންޒާރު ދިނުމަށް، ޔޫއެންއިން އާދަޔާ ޚިލާފު ވަސީލަތެއްގެ ބޭނުން ކޮށްގެން، ކުރިޔަށް އޮތް ކޯޕް26 ސަމިޓްގެ ކުރިން ދުނިޔެއަށް އިޒާރުގެ މެސެޖެއް ދީފިއެވެ.

މިގޮތުން ޔޫއެންއިން ދުނިޔެއަަށް ދިން އިންޒާރުގެ މެސެޖް ދުނިޔެއަށް ދީފައިވަނީ ޑައިނަސޯއެކެވެ.

އިގިރޭސިވިލާތުގައި، އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެއްޓާބެހޭ ޚާއްސަ ސަމިޓްގެ ކުރިން، ޔޫއެއިން ތައްޔާރުކޮށް، މިހާރު ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑީއޯގައި، ކޮމްޕިއުޓަރ ގްރެފިކްސްއިން އުފައްދާފައިވާ ޑައިނަސޯއެއް ކުއްލިއަކަށް، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޔޫއެންގެ ޖެނެރަލް އެސެމްބްލީ ހޯލްގެ ތެރެއަށް ވަދެގަނެއެވެ.

އަދި ހޯލުގެ މެދުން ހިގާފައިގޮސް ޕޯޑިއަމްގައި ހުއްޓިހުރެ މައިކުގައި ވާހަކަ ދައްކަމުން ޑައިނަސޯ، ޗެމްބަރުގައި ހާޒިރުވެ ތިބި ޑޮޕްލޮމޭޓުންނާ މުޚާތަބުކޮށް "ދުނިޔެއިން ނަސްލު ނެތިގެން ދިއުމަކީ ރަގަޅު ކަމެއް ނޫން،" މިހެން ބުނެއެވެ.

ޝައުގުވެރި ކުރުވަނިވި ގޮތަކަށް ހަދާފައިވާ މި ވީޑިއޯ ކުލިޕްގައި ޑައިނަސޯގެ އަޑުން ވާހަކަ ދައްކާފައިވަނީ ފިލްމީ ތަރި ޖެކް ބްލެކްއެވެ. އަދި އޭނާގެ އަޑުން ވާހަކަ ދައްކަމުން، ބިޔަ ޑައިނަސޯ، ޔޫއެގެ ޖެނެރަލް އެސެމްބްލީގެ ޕޯޑީއަމްގައި ހުއްޓިހުރެ، ދުނިޔެއަށް ޚާއްސަ މެސެޖްތަކެއް ދެއެވެ.

"ކަލޭމެން މިސްރާބު ޖަހާފައި ހުރީ ތިމާވެށީގެ ބޮޑު ކާރިސާއަކާ ދިމާލަށް،" ޔޫއެން ޖެނެރަލް އެސެމްބްލީގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން ޑައިނަސޯ ބުނެއެވެ.

ކޮމްޕިއުޓަރ ގްރެފިކްސްއިން ހަދާފައިވާ، ޑައިނަސޯ ޔޫއެންގެ ޗެމްބަރު ތެރެއިން ޕޯޑިއަމާ ދިމާލަށް ހިގާފައި ދާ މަންޒަރު

"އެހެންނަމަވެސް، ދުނިޔޭގެ ގައުމުތަކުން ދަނީ، ގެދަބުޅި ބޭރުކުރާ ހަކަތައިގެ ވަސީލަތްތަކަށް ސަބްސިޑީސްގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަމުން. ނިކަން ވިސްނާލަބަލަ، ދުނިޔެއާއި ދިމާލަށް ދަތުރު ކުރަމުންދާ ބޮޑު ގިނި ހިލަތަކަށް، މިގޮތަށް ކޮންމެ އަހަރަކުވެސް ސަރުކާރުތަކުން ސަބްސިޑީސްގެ ގޮތުގައި އެތައް ބިލިއަން ފައިސާ ހޭދަކުރިނަމަ ކަންތައް ވެގެންދާނެގޮތް، ކަލޭމެން ކުރަމުންދާ ކަމަކީ އެއީ،" ޔުއެންގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން ޑައިނަސޯ އިންސާނުނާ ބުޚާތަބްކޮށް ބުނެފައި ވެއެވެ.

މި ވީޑިއޯއާއެކީ، ޔޫއެންއިން އާންމު ކޮށްފައިވާ ރިޕޯޓުގައި ވާގޮތުން، ދުނިޔެއިން ކޮންމެ އަހަރަކުވެސް ދަނީ، ދުނިޔެ ހޫނުވަމުން ދަދިއުމާ ހަގުރާމަ ކުރުމަށް ފަގީރު ގައުމުތަކަށް ދެމުންދާ އެހީގެ 4 ގުނަ ދުނިޔެއިން ދަނީ، ދެގަބުޅި ބޭރުކުރާ ހަކަތައިގެ ބާވަތްތައް، ފަސޭހައިން ބޭނުންކުރާ ފަރާތްތަކަށް ލިބުނަ ދިނުމަށްޓަކާ (ސަބްސިޑީސްގެ ގޮތުގައި ފޯރުކޮށްދޭ އެހީތެރިކަން) ހޭދަ ކުރަމުންނެވެ. އެއީ އަހަރަކަށް 423 ބިލިއަން އެމެރިކާ ޑޮލަރެވެ.

އަދި މިއީ، ގެދަބުޅި ބޭރުކުރާ ހަކަތައިގެ ބާވަތްތައް ކަމުގައިވާ ތެލާއި، ދެއްޔާއި އަދި ގޭސް އެންދުމަށް ކުރާ ނުސީދާ ހޭދަތައް ނުހިމަނޭ ކޮށްފައިވާ އަންދާޒީ އަދަދެކެވެ.

ޔޫއެން ސެކެޓްރީ ޖެނެރަލް އެންޓީނިއޯ ގުޓަރޭސްވަނީ، ގެދަބުޅި ބޭރުކުރާ ހަކަތައިގެ ބާވަތްތަކަށް ގައުމުތަކުން ދެމުންދާ ސަބްސިޑީސް ދިނުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާކައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.