ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުކޮށްފައިތިބޭ މީހުން ބުއިމަށާއި، ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދަނީ ނަޖިސް ފެންކަމުން އެކަން ރަނގަޅުކުރުމަށް އެންގި މުއްދަތު ފާއިތުވިނަމަވެސް ރަނގަޅުކޮށްފައިނުވާތީ ފުލުހުންނަށް ފިޔަވަޅު އެޅުމަށް ހިއުމަން ރައީޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށުން ހިނގަމުން އަންނަ ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބޭނުންކުރަމުންދާ ފެނާއިގުޅޭގޮތުން އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި، އެ ކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ މީހުން ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަޙްލީލުކުރުމުން، ކަސްޓޯޑިއަލުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް (ބެކްޓީރިއާ)" ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ފެނަކީ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއްކަމާއި، އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއްނޫންކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

އެފެން ބޭނުންކުރުމުން ހަމުގެބަލިފަދަ ބަލިތައްޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ދެއްވާފައިވާ ފަންނީ ލަފާއިން އެކޮމިޝަނުގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ، ޤާނޫނުއަސާސީންނާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުންނާއި، ދިވެހިރާއްޖޭން ތަސްދީގުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ ސާފު ބޯފެން ލިބުމުގެ ޙައްޤާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދެވޭކަން ކަށަވަރުކުރުމުގެގޮތުން، ކ.ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ މީހުންނަށާއި، ދޫނިދޫގައި އެފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ފެން ފޯރުކޮށްދިނުން ހުއްޓާލާން އެޗްއާރުސީއެމް އިން ވަނީ އަންގާފައެވެ.
އަދި ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ތަފްސީލް 72 ގަޑިއިރުގެ ތެރޭގައި އެޗްއާރުސީއެމް އާއި، ލިޔުމުން ހިއްސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ، އަދި އެއެންގުމާ އެއްގޮތަށް އުމަލުނުކޮށްފިނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އެއިދާރާއަށް އަންގާފައިވާނެކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް، މިއަދު އެޗްއާރުސީއެމް އިން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް ބެލިބެލުމުން އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށާއި، ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ ފަރާތްތަކަށާއި ދޫނިދޫގައި މިފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމާފައިވާކަމަށް އެކޮމިޝަނުން މިއަދު އާންމުކުރި ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ