ކަނޑިންމަ ރިސޯޓުން ރޭ ކޯވިޑް-19އަށް ޓެސްޓުކުރި ސާމްޕަލް ތަކުގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރެޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ކަނޑިންމަ ރިސޯޓުން ހޮނިހިރު ދުވަހު ނެގި 17 ރެންޑަމް ސާމްޕަލްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
ހެލްތު އެމަޖެންސީ އޮޕަރެޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ ރިސޯޓުގައި މަސައްކަތްކުރާ 2 މުވައްޒަފުންކަމަށެވެ. ރޭ ޓެސްޓުކުރި 33 ސާމްޕަލްގެތެރޭގައި ހިމެނެނީ އެރިސޯޓުގައި މަސައްކަތްކުރާ 12 މުވައްޒަފަކާއި ފުރުމުގެ ކުރިން ޓެސްޓު ހެދުމަށްޓަކައި ނަގާފައިވާ 21 ޑިޕާޗަރ ސާމްޕަލްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެސެންޓަރުން ވިދާޅުވީ އިތުރު 149 ސާމްޕަލް ނަގާފައިވާކަމަށާއި މި ސާމްޕަލްތައް މިރޭ ޓެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ކޯވިޑް-19 ބަލީގައި ހާލުދެރަވެގެން އެރިސޯޓުން މިދިޔަ ހުކުރު ދުވަހުވަނީ މީހަކު ނިޔާވެފައެވެ. މި މީހާ ނިޔާވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ނިޔާވިފަހުން ނެގި ސާމްޕަލްއަކުންނެވެ.
ކޮމެންޓު ފޮނުވާ