ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓާއި ވާދަކުރާނެ ސިޔާސީ ލީޑަރަކީ މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ކޮމެޓީން ފާސްކޮށް ތަޅުމަށް ހުށަހެޅި ފޮރިން ސާވިސް ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ޝާހިދަކީ ޤާބިލް ކުޅަދާނެ ބޭފުޅެއްކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ގޮތުން ގިނަ ކާމިޔާބީތައް ހާސިލް ކުރައްވަމުންދާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ނިކުންނަ ކެނޑިޑޭޓާއި އެމްޑީޕީން ވާދަކުރާނީ ޝާހިދުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޝާހިދުގެ ހިކުމަތްތެރި ކަމާއި ހުނަރުވެރިކަމާއިއެކު މިއަދު އަޅުގަނޑުމެންނާއި ވާދަ ކުރައްވަން ހުންނެވި އެންމެ ވަރުގަދަ ލީޑަރަކީ އަބްދުﷲ ޝާހިދުކަމަށް އަޅުގަނޑު ޤަބޫލު ކުރަން.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޤާނޫނު އަސާސީން ވަޒީރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައަޅުއްވާފައިރު ވަޒީރަކަށް ޤާނޫނު އަސާސީން ނުލިބޭ ބާރާއި އިހުތިޔާރު ޚާރިޖީ ވަޒީރަށް ދޭން ނިންމުމަކީ ވަރަށް ބޮޑު ގޯހެއްކަމަށެވެ. މިއާއިއެކު ޤައުމުގެ ދާޚިލީ ކަންކަމުގެ ނުފޫޒު ފޮރިން މިނިސްޓަރަށް ލިބި ރައީސްގެ މައްޗަށް ބާރު ފޯރުވުމުގެ ސިޔާސަތެއް ފެށިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ގޮތަށް ބިލު ފާސް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށެވެ.
މިބިލު ޤާނޫނަކަށްވުމުން ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އެގޮތުން ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކެރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. ފޮރިން ސެކެރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
މި ބިލުގައިވާ ގޮތުން ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން ޢައްޔަންކުރެވިދާނެއެވެ. ނަމަވެސް ފޮރިން ސަރވިސްއިން ބޭރުން ޢައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ޙާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިއުފާދޭންޖެހެއެވެ.
ކޮމެންޓު ފޮނުވާ