ރާއްޖޭގެ އަސްކަރިއްޔާއާއި، އިންޑިއާގެ އަސްކަރިއްޔާއާއި ދެމެދު ސަރުކާރު ބަދަލުވީ ނަމަވެސް އާކަމެއް ނުކުރެވޭ ކަމަށާއި، މިހާރުވެސް ކުރިއަށްދަނީ 2016 ވަނަ އަހަރު އެކުލަވާލި އެކްޝަން ޕްލޭނާއި އެއްގޮތަށް ހެދިފައިވާ އެއްބަސްވުންތަކެއްގެ ދަށުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކަމާގުޅޭ ބޭފުޅުންނާއިއެކީ ބޭއްވި ބައްދަލުވުމުގައި ވަނީ އުތުރު ތިލަފަޅު އެއްބަސްވުން ދައްކާލައި، އެއްބަސްވުމާއި ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ކޮމެޓީގެ މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.
ޕްރެޒެންޓޭޝަނަނަށްފަހު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރެއް ބަދަލުވެ، ވެރިން ބަދަލުވީނަމަވެސް ދެ ޤައުމެއްގެ ދޭތެރޭގައި ހެދިފައިވާ އެއްބަސްވުންތަކަކީ އެއައަށް އިޚުތިރާމްކޮށް ކުރިއަށް ދާންޖެހޭ އެއްބަސްވުންތަކެއް ކަމަށެވެ. މިގޮތުން އުތުރު ތިލަފަޅު އެއްބަސްވުމަކީ 2016 ވަނަ އަހަރުގެ އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓް ގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާއި އެއްގޮތަށް އިންޑިއާއާއިއެކު ވެފައިވާ އެއްބަސް ވުމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތެއްގެ ގޮތުގައި ދިފާއީ ގުޅުން ތަރުތީބުކުރެވުނީ 2016 ވަނަ އަހަރު އެކްޝަން ޕްލޭންގައި ސޮއިކުރުމުން ކަމަށެވެ. އަދި މިއީ ކުރެވުނު ވަރަށް މުހިންމު ކަމެއްކަމަށާއި، މިއާއިއެކު ހަރުދަނާ ގޮތެއްގައި ޤައުމުތަކާއިއެކު މިފަދަ އެއްބަސްވުންތައް ހެދުމަށް ފަސޭހަ ވެގެން ދިޔަކަމަށެވެ. އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބަނދަރުތަކެއް ހަދައި، އެތަންތަނުގެ މަރާމާތާއި އެނޫން ކަންކަން ބެލެހެއްޓުމަށް ކުރީގެ ޑިފެންސް މިނިސްޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި މިހާރުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވެސް މަޝްވަރާ ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަގީގަތުގައި މިހާ ހިސާބައަށް އާއިރު އަޅުގަނޑު ވަރަށް ހިތާމައާއިއެކު ދަންނަވަން އިންޑިއާއާއިއެކީ އަޅުގަނޑުމެންނަށް އާ ކަމެއް ނުކުރެވޭކަން. ހަމަ 2016ގެ އެކްޝަން ޕްލޭންގައި އެ ވިސްނަވާފަހުރި ވިސްނުންތައް އަޅުގަނޑުމެންނަށް މުއައްސަސާގެ އެއޮތް ބޭނުންތެރިކަމަށް ވިސްނާފަ އަޅުގަނޑުމެނަށް އޮޕަރޭޝަނަައިޒް ކުރެވެމުން މިދަނީ.
– މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ކަަމަކީ 2016 ވަނަ އަހަރު ސޮއިކުރި އެކްޝަން ޕްލޭން އޮޕަރޭޝަނަލައިޒްކުރުމެވެ. އަދި ބެލީ ި ޕްލޭނާއި އެއްގޮތަށް އެންމެ އަވަހަށް އެންމެ ކައިރިން ޚިދުމަތް ދޭނީ ކޮންބައެއްތޯ ބެލުމަށް ކަމަށާއި، އެހެން ބަޔަކު ނުވަތަ އެހެން ގައުމެއްގެ އެހީ މިކަމުގައި ހޯދުމަށްވުރެ އިންޑިއާއާއިއެކު ކުރިއަށް ދިއުން މާބޮޑަށްވެސް ރަނގަޅުކަމަށް ފެންނާތީ އެގޮތަށް ކުރިއަށް ދިޔައީކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަކީ ސަރުކާރުން ކަށަވަރު ކުރާނެ ކަމެއްކަމަށެވެ. އަދި އެފަދަ ކުޑަ ޖާގައެއްވެސް ލިބޭނެ ކަމެއް މިސަރުކާރުން ނުކުރާނެކަމަށެވެ.
ހަގީގަތުގައި އަޅުގަނޑުމެންގެ ބޭނުމަކީ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރިކޮށް ދިނުން. ރާއްޖޭގެ ސަރުކާރެއް ނުވަތަ ސަރުކާރުގެ ވެރިންނަށް ތިއްބަވާ ބޭފުޅުން ބަދަލުވިޔަސް، ދެ ޤައުމެއްގެ ދޭތެރޭގައި އެއްބަސްވުމެއް ހެދި އަންޑަރޓޭކިންއެއް އޮތްކަމަށް ވަންޏާ އޭގަ އެއީ ރަނގަޅު ކަމެއްކަމަށް އަޅުގަނޑުމެންނަށްވެސް ދެން އަންނަ ސަރުކާރަކަށްވެސް ރަނގަޅުކަމެއް ކަމަށް ވަންޏާ އެކަން ކޮންޓިނު ކުރުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑުމެން ދެކެން.
– މިނިސްޓަރ ވިދާޅުވިއެވެ.
މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމަށް މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަޑައިގެންނެވީ އުތުުރު ތިލަފަޅުގެ އެއްބަސްވުމާއި ރާއްޖޭން އިންޑިއާ އާ އެކު ސޮއިކޮށްފައިވާ އެެހެން އެއްބަސްވުންތަކުގެ މައުލޫމާތު ދެއްވަން އެ ކޮމިޓީން އެދުމުންނެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހުގެ އެދިވަޑައިގަތީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އެ އެއްބަސްވުން ކޮމިޓީގެ މެމްބަރުންނަށް މިއަދު ދައްކައިލިއެވެ.
ކޮމެންޓު ފޮނުވާ