ބްރައިޓަން ބަލިކޮށް ސިޓީ ދެވަނަ އަށް

ބްރައިޓަން ބަލިކޮށް ސިޓީ ދެވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ރަށުން ބޭރުގައި ކުޅުނު މެޗުގައި ބްރައިޓަންގެ ފަސޭހަކަމާއެކު ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓަރ ސިޓީން ވަނީ 3 ލަނޑު ޖަހާފައެެވެ. އެގޮތުން މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ގުންޑޮގާންއެވެ. ސިޓީން މި މެޗުގައި ލީޑު ފުޅާކުރި ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެންއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޮޑެން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 0-3 އަކަށް ބަދަލުކޮށްލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ބްރައިޓަންއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ، އެލެކްސިސް މެކް އެލިސްޓާއެވެ. މި މެޗުގައި ސިޓީން ޖެހި 4 ވަނަ ލަނޑު މެޗުގެ އިތުރުގެ ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒްއެވެ.

މި ނަތީޖާއާއެކު، ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން ލިބުނު 20 ޕޮއިންޓާއެކު ސިޓީ އޮތީ، 2 ވަނައިގައެވެ. އެއްވަނައިގައި ޗެލްސީ އޮތީ 22 ޕޮއިންޓާއެކުއެވެ. ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާ ލިވަޕޫލް ކުޅޭ މެޗު ލިވަޕޫލް ކާމިޔާބުކޮށްފިނަމަ 21 ޕޮއިންޓާއެކު އެޓީމު ދެވަނައަށް ކުރިޔަށް ޖެހިލާނެއެވެ. މިވަގުތު ލިވަޕޫލް އޮތީ 3 ވަނައިގައެވެ. 4 ވަނައިގައި އޮތީ 9 މެޗުން ލިބުނު 15 ޕޮއިންޓާއެކު ބްރައިޓަންއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *