ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ލޮކްޑައުންކޮށްފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ލޮކްޑައުންކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2021 09:30
0

ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމަރުކަޒު ލޮކްޑައުންކުރަން ނިންމައި، އިއްޔެ އިރުއޮއްސި 6 ން ފެށިގެން، އެމަރުކަޒަށް މީހުންނަށް ވަދެ ނިކުމެ އުޅުން މަނާކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ޚިދުމަތްތެރިންގެ ޓީމުން ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅާ، އެޗް.ޕީ.އޭ ގެ ގަވާއިދާއި އެއްގޮތް ވާގޮތުގެ މަތީން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ.

މަރުކަޒުގައި ތިބޭ ހުރިހާ މީހުންނާއި މުވައްޒަފުންވަނީ ކޯވިޑަށް ޓެސްޓް ކުރެވިފައިކަމަށާއި، އަދި ގަވާއިދުން ސިއްހީ ހާލަތު މޮނިޓަރކޮށް އިތުރު ފަރުވާ ލިބެންޖެހޭނެ އެންމެންނަށް ވެސް ދަނީ ފަރުވާ ދެވެމުން ކަމަށެވެ. ޕޮޒިޓިވް ވެފައިވާ ބަލިމީހުން ވަނީ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިކަމަށާއި، އަދި އެނޫން ފަރާތްތައް ވަނީ މަރުކަޒުގައި އައިސޮލޭޓް ކުރެވިފައިކަމަށެވެ.

ގުރައިދޫ މަރުކަޒުގެ ކޯވިޑްގެ ހާލަތު އާންމު ހާލަކަތަކަށް އަބުރާ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވަނީ މިއަދު ހެނދުނު މަރުކަޒުގެ އިސްވެރިންނާއި އަދި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތް ސެންޓަރުގެ އިސްވެރިޔާއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

އަދި މިވަގުތު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓާއި ކޮންޒިއުމަބްލްސް އަދި އެނޫންވެސް ވަސީލަތްތައް ގުރައިދޫއަށް ޖަމާކުރުމުގެ މަސައްކަތް އިންތިޒާމު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވާ، އިތުރަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުތެ ތެރޭގައި ތިބުމަށް ބޭނުންވާ ހުރިހާ އެއްޗެއް މިއަދު ވަނީ މަރުކަޒަށް ގެންގޮސްފައެވެ. އަދި ރައްކާތެރިކަމަށް ކުރިއަށްއޮތްތަނަށް ބޭނުންވާނޭ ޕީޕީއީ ކިޓާއި އެނޫންވެސް ސާމާނު ވަނީ ގެންގޮސް ނިމިފައެވެ. އިތުރަށް ބޭނުންވާ މެޑިކަލް ސަޕްލައިސް އާއި ކޮންޒިއުމަބަލްސް މާދަމާ މަރުކަޒަށް ގެންދެވޭނެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސައެހީއަށްބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ޚިދުމަތްތެރިން ގުރައިދުއަށް ދިއުމުގެ އިންތިޒާމު މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ. މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯސަލް ސަޕޯޓުދިނުމަށް މިކަމުގެ ތަމްރީނު ލިބިފައިވާ ދެ ސޯޝަލްވާކަރުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގައި ހަރަކާތްތެރިވާނެއެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް ގެ ފަރާތުން ލޮކްޑައުންގައި ތިބި ފަރާތްތަކާއި މިހާލަތުން އަސަރު ކޮށްފައިވާ ރަށުގެ އެކި ފަރާތްތަކަށް އޮންލައިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންތައް ނަގައިދޭނެއެވެ. އަދި ކޮވިޑް ފެސިލިޓީގައި ތިބި ބަލިމީހުންނަށް، ކޮންމެ ދުވަހަކު އެއް ފަހަރު މިނިސްޓްރީގެ ޓީމެއްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ބަލިމީހުންނާއި ބެހޭ ތަފާސް ހިސާބުތައް ދެއްވާނީ އެޗް.ޕީ.އޭ އިންނާއި ގުރައިދޫގެ ސިއްހީ މަރުކަޒުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.