ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އިސްތިޤުލާލަށް ބުރޫއަރާ ގޮތަށް މިސަރުކާރުން އެކުލަވާލާފައިވާ ހުރިހާ އެއްބަސްވުންތައް ވަގުތުން ވަގުތަށް ބާތިލު ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ބާއްވާ ހިނގާލުމުގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެކުލަވާލާފައިވާ ހުރިހާ އެއްބަސްވުމެއް ހާމަ ކުރަންޖެހޭކަމަށެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކާވާފަދަ އެއްބަސްވުނަތަން ވަގުތުން ވަގުތަށް ބާތިލް ކުރުމަށް ޝަހީމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އަދި ރައްޔިތުންގެ ހިތްތަކުގައި އެތައް ސުވާލުތަކެއް އުފެދިފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ވަގުތުން ވަގުތަށް ހާމަކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދޭންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ. ދިވެހި އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ ސިފައިން ބޭތިއްބުމަކީ ދިވެހި ރައްޔިތުން ތާއީދު ކުރާނެ ކަމެއްނޫންކަމަށާއި، އެކަން މިސަރުކާރުން ގަބޫލުކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި މިމަސައްކަތް ކުރެއްވުމުގައި ބަންދުގައި ހުންވައިގެންވެސް ރައީސް ޔާމީން ކުރައްވާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ. އެމަނިކުފާނު ނުހައްގުން ބަންދުކޮށް އަނިޔާ ދެމުން ދިޔަނަމަވެސް އެމަނިކުފާ މިފަސްގަނޑުގައި ހިނގާ ޤައުމާއި ދީނާ ދެކޮޅު އެއްވެސް ކަމަކަށް ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެންދަނީ ސާބިތު ކަމާއި ހިތްވަރު ގަދަކަން ކަމަށާއި، އެމަނިކުފާނު މިޤައުމުގެ ހައްގުގައި ކުރަމުންދާ މަސައްކަތަކީ ކާމިޔާބާއި ނަސްރު ދާދި އަވަހަށް ލިބޭނެ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ