ރާއްޖޭގެ އާބާދީ މަދުވެފައި، ރާއްޖެ ކުޑަވުމަކީ ބޭރުގެ އެއްވެސް ޤައުމަކަށް ރާއްޖެ އަޅުވެތި ކުރުމަށް އޮތް ލައިސަންސެއް ނޫންކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި ބޭއްވި ބޮޑު ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިހަރަކާތަކީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތެއް ނޫންކަމަށެވެ. މިނިވަން ކަމުގެ ދިފާއުގައި ހަރަކާތަކީ ޤައުމީ ހަރަކާތެއްކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަން މިއަދުގެ ހިނގާލުމުން މިސަރުކާރަށާއި، އިންޑިއާ ސަރުކާރަށްވެސް ހާމަވާނެކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ ކުޑަވުމަކީ ބޭރުގެ އެއްވެސް ޤައުމަކަށް ރާއްޖެ ހިފައި އަޅުވެތި ކުރުމަށް އޮތް ލައިސަންސެއް ނޫންކަމަށެވެ. ޚާއްސަކޮށް އިންޑިއާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ބައިތިއްބައިގެން ރާއްޖެ އަޅުވެތި ކުރުމަށް އަޑި ނޭގޭ ގޮތަށް ހިންގަމުންދާ ހަރަކާތްތަކަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެ ކަމެއް ނޫންކަމަށެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ބަލަހައްޓަވާނީ ދިވެހި ސިފައިންނާއި ދިވެހި ފުލުުހުން ކަމަށާއި، ބޭރުގެ އަސްކަރިއްޔާއެއްގެ އެހީ ދިވެހިންގެ މިނިވަންކަން ބެލެހެއްޓުމަށް ބޭނުން ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ބޮޑަށް ޣައްދާރުވީ މީހުންނަކީ ރައީސް ޞާލިހާއި، ރައީސް ނަޝީދާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ. މިބޭފުޅުންގެ ނަން ރާއްޖޭގެ ތާރީހުގައި ކަޅު އަކުރުން ފަވާލެވޭނެ. އަޅުގަނޑު އިންޑިއާ ސަރުކާރަށް ދަންނަވާލަން އޮތީ ތިބޭފުޅުންނަށް އޮތް ލައިސަންސެއް ނޫނޭ އަޅުގަނޑުމެން ކުޑަވުމުން އަޅުގަނޑުމެން އަޅުވެތި ކުރުމަކީ.
– އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ އަސްކަރިއްޔާއަށް ނުވަތަ ބޭރުގެ ބަޔަކަށް ދިނުމަށް ދިވެހި ރައްޔިތުން ބޭނުން ނުވާކަން މިއަދުގެ ހިނގާލުމަށް ބަލާލުމުންވެސް ހާމަވާކަމަށެވެ. އިންޑިއާ ސިފައިން މިޤައުމުން ބާލަންދެން މިހަރަކާތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައިތިއްބައިން މިއަދު އޮތް ސަރުކާރުން ކުރަމުންދާ ކަަމަކީ އަމިއްލަ އެދުމަށް ކުރާ ކަމެއްކަމަށެވެ. އިންޑިއާއަކީ އާބާދީ ބޮޑޮ އަދި އަސްކަރީ ގޮތުން ފުދުންތެރި ޤައުމަކަށް ވިޔަސް ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ރައްޔިތުން ފަސް ނުޖެހޭނެކަމަށެވެ. އަދި މިކަން ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކުޑަވެސް ޖާގައެއް އެއްވެސް ފަރާތަކަށް ދެއްވާނެ ލީޑަރެއް ނޫންކަމަށެވެ.
އަބްދުއްރަހީމް މާލޭގެ މަތުތަކުން މިއަދު ފެނިގެންދާ މަންޒަރާއި އެއްގޮތަށް އިންޑިއާ ސިފައިން މިހާރުން މިހާރަށް މިޤައުމުން ބާލަންޖެހޭކަމަށެވެ. ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ޤައުމުގެ ހައްގުގައި ނިކުތުމުން އެކަމާއި ދެކޮޅު ހެދުމަކީ ވަރަށް ބޭއިންސާފު ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ