ސައުދީ އަރަބިއްޔާއިން ނިއުކާސަލް ޔުނައިޓެޑު ގަތްފަހުން އެ ކުލަބުގެ ސަޕޯޓާރުން މެޗުތަކުގައި "ސަގާފީ އަރަބި ފޭރާން ނުވަތަ މެދުއިރުމަތީގެ ހެދުން" ލައިގެން ދަނޑަށް ނުވަންނަން އެ ކުލަބުން އަންގައިފިއެވެ.
ނިއުކާސަލްގެ ވެރިން ބަދަލުވި ފަހުން ފުރަތަމަ ކުޅުނު މެޗުގައި ވަނީ ޓޮޓެންހަމް އަތުން 3-2 އިން ބަލިވެފައެވެ. މި މެޗުގައި ނިއުކާސަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީ އަރަބި ޖުއްބާ ނުވަތަ އަރަބި ހެދުން ލައިގެންނެވެ. އަދި ސައުދީން އެ ކުލަބު ގަތްފަހުން އުފާފާޅުކުރުމަށް ބޭއްވި ހަރަކާތްތަކުގައި ވެސް ފެނިގެންދިޔައީ އަރަބި ހެދުމެވެ. މިކަމާއި ގުޅިގެން ނިއުކާސަލްގެ އާ އަރަބިވެރިންގެ ދިފާއުގައި ވަނީ ބޮޑު ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ ކުލަބުގެ ވެރިންނަށް އަމާޒުކޮށް މިފަދަ ކަންކަން ނުކުރަން ވަނީ ނަސޭހަތްތެރިވެފައެވެ.
މިކަމާއި މެދު އަރަބި ސްޓައިލަށް ހެދުން އެޅުމާއިމެދު ކްލަބު އޯނަރުންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު މިގޮތަށް އެދެނީ އަރަބި ސަގާފަތާއި ފުށުއަރާ، މައްސަލައެއް ދިމާވެދާނެތީ.
– ނިއުކާސަލުން ނެރުނު ބަޔާނުގައިވެއެވެ.
ނިއުކާސަލްގެ މެނޭޖުމަންޓް ބަދަލުވުމާއި އެކު އެޓީމުގެ ސަޕޯޓަރުން ތަކެއް ފަގުޑި އަޅައިގެން ދަނޑަށް ވަތްއިރު، އަނެއް ބައެއް ދިޔައީ ޖުއްބާ ލައިގެންނެވެ. ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ނިއުކާސަލް ގަތީ މި މަހު އެވެ. އެއާއެކު ޕްރިމިއާ ލީގުގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެންމެ އަގުބޮޑު ކްލަބަކަށް ނިއުކާސަލް ވަނީ މިހާރު ވެފައެވެ.
ކުލަބުގެ އާ ވެރިން ކްލަބާ ހަވާވިތާ މާގިނަ ދުވަސްތަކެއް ނުވެ އެ ކުލަބުގެ ކޯޗުކަމުގެ މަގާމުން ސްޓީވް ބްރޫސް ވަނީ ވަކިވެފައެވެ. އޭނާ ވަކިވީ ދެފަރާތުން އެއްބަސްވެގެންނެވެ. ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ޔުނައިޓެޑް ގަންނަން ވަނީ ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.
ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ.