އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއެއް ކަނޑައަޅައި، ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި އަންސޫ ފަޓީ އެއްބަސްވުން އާކޮށްފިއެވެ.
އުމުރުން 18 އަހަރުގެ ފަޓީ ވަނީ ބާސާގެ އެއްބަސްވުން އިތުރު ހަ އަހަރަށް އާކޮށްފައެވެ. އެހެންކަމުން ފަޓީގެ އެއްބަސްވުން ދެން ހަމަވާނީ 2027 ވަނަ އަހަރުގައެވެ. ލިއޮނަލް މެސީ ބާސާ ދޫކޮށްދިޔަ ފަހުން އެ ކުލަބުގެ 10 ނަންބަރު ޖާރޒީގައި ކުޅެމުން އަންނަ އަންސޫ ފާޓީ މި އެއްބަސްވުމުގައި ސޮއިކުރިއިރު އޭނާ ހޯދުމަށް ގިނަ ކުލަބުތަކަކުން ވަނީ އެކި ފަހަރުމަތިން ބޮޑެތި އަގުތަކެއް ހުށައަޅާފައެވެ. ނަމަވެސް ފާޓީ ވަނީ މި ހުރިހާ ހުށައެޅުމެއް ދޫކޮށްލާފައެވެ.
ބާސެލޯނާގެ ކާމިޔާބު އެކަޑަމީ ކަމަށްވާ ލަމާސިއާ އިން ތަމްރީނުވި އަންސޫ ފާޓީ އެ ކުލަބާއި އެންމެ ފުރަތަމަ ގުޅުނީ އޭނާގެ އުމުރުން 10 އަހަރުގައެވެ. ޅަ އުމުރުގައި ވެސް އޭނާ ދިޔައީ އެ އެކަޑަމީގައި ތަފާތުދައްކަމުންނެވެ. އޭނާ މިހާތަނަށް ބާސެލޯނާއަށް ކުޅެދިން 47 މެޗުގައި 15 ލަނޑު ވަނީ ޖަހާފައެވެ.
ބާސާއާއެކު ފަޓީ ހެދި އެއްބަސްވުން އުވާލަން އެއް ބިލިޔަން ޔޫރޯ ކަނޑައެޅިއިރު، ދާދި ފަހުން އެ ކުލަބުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީވެސް ވަނީ އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއަކާއެކު އެއްބަސްވުން އާކޮށްފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއަކާއެކު އެއްބަސްވުން އާކޮށްފައިވާ ސްޕެނިޝް ލީގުގެ ހަމައެކަނި ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.
ފާޓީ ވަނީ ބާސެލޯނާއާއި އެކު އުއްމީދީ ކުޅުމެއް ދައްކަމުންނެވެ. އަދި ސްޕެއިންގެ ގައުމީ ޓީމުގައިވެސް އޭނާ ދަނީ ތަފާތުދައްކަމުންނެވެ.