ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުން މިނިވަންކޮށް، ކަފާލަތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށް، ޖާމިނުވާ މީހަކަށް އޭނާ ހެދުމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ)، ކަފާލާތުގެ ދަށުން އިއްޔެ ދޫކޮށްލުމާއި ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ، ޢާއިލާގެ 2 މެންބަރަކު ޖާމިނުކުރުމަށްފަހުއެވެ. ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާގެ ފަރާތުން ޖާމިނުވުމަށް ހުށަހަޅާފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނަޢީމާއާއި، ކޮއްކޮ އަފީފާ މޫސާއެވެ.
މީގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ އަލީ ވަހީދުވެސް ވަނީ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ދޫކޮށްލާފައެވެ. ޝުޖާ ވިދާޅުވީ ރައީސް ޔާމީނަށް ވުމުން ކަފާލަތެއްވެސް، ޖާމިނު ކުރުމެއްވެސް ނެތްކަމަށެވެ. ރައީސް ޔާމީނަކީ ފިލައިގެން ދާނެ މީހެއް ނޫންކަމަށާއި، މީހަކު ޖާމިނު ކުރާނަމަ އޭނާ ޖާމިނުކޮށް ރައީސް ޔާމީން މިނިވަން ކޮށްދެއްވުމަށް ޝުޖާ ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީނަށް ކަފާލާތެއް ނެތް؟ ޖާމިނުވީމަ މިނިވަން ވެވޭނެ ގޮތެއް ނެތް؟ އަޅުގަނޑު ޖާމިނުކޮށް ރައީސް ޔާމީން މިނިވަން ކޮށްދެއްވާ؟ ރައީސް ޔާމީން ނުފިއްލަވާނެ ކަމުގެ ޔަޤީންކަން ވެސް ދެން. މީ ސަދޫމްތަ؟
– ޝުޖާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސްޕްރީމް ކޯޓުގައު އެދުނު ނަމަވެސް ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލާގައި އެންމެ މަތީކޯޓުން ނިންމެވި ނިންމެވުމުގައިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދެވެން ނެތްކަމަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރެއް ނެރެދެވެންވެސް ނެތްކަށެވެ. މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި ނިންމެވުމުގައިވަނީ ކަފާލާތަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ބަންދުން ދޫކޮށްލުމަށް ކޯޓްތަކަށް ލިބިދީފައިވާ އިހްތިޔާރެއްކަމަށެވެ. އަދި އެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އޮތް ކަން ފާހަގަކުރައްވާ ކޯޓްގެ ނިންމެވުމުގައިވަނީ ކުށްވެރިވުމަށްފަހު ކަފާލާތުން ދޫކުރުމަކީ ކުށްވެރިންނަށް އޮތް ހައްޤެއް ނޫންކަމަށެވެ. ކުށްވެރިންނަށް ކަފާލާތުގެ ހައްޤު ދީފިނަމަ ހަމަހަމަކަމާއި އެކު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅި އެކި މައްސަލަތަކުގައި އެކި ގޮތަށް މީހުން ދޫކޮށް ހަމަހަމަކަން ގެއްލިގެން ހިގައިދާނެކަންވެސް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ހުކުމް ތަންފީޒުކުރުން ފަސްނުކުރަން ނިންމި ނިންމުގައި ވަނީ މައްސަލައެއް އިސްތިއުނާފުކުރުމަކީ އެ މައްސަލާގައި ކުރިން އިއްވާފައިވާ ހުކުމެއްގެ ބާރު ދަށްވާނެކަމަށް ނޫންކަމަށާއި އަދި އަދަބުވެސް މަޑު ޖައްސާލަންޖެހޭކަމެއްވެސް ނޫންކަންވެސް ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ