ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި ލަނޑާއެކު ފަހަތުން އަރައި މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ގްރޫޕް އެފް ގައި މެންޗެސްޓަރ ޔުނައިޓެޑާއި އެޓްލަންޓާ މިރޭ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފްގައި އެޓްލަންޓާއިން ވަނީ 2 ލަނޑު ޖަހާ ޔުނައިޓެޑް މާޔޫސް ކޮށްލާފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި އެޓްލަންޓާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މާރިއޯ ޕަސަލިޗްއެވެ. އަދި ލީޑު ފުޅާކޮށްދިން ލަނޑު 29 ވަނަ މިނެޓުގައި އެޓްލަންޓާއަށް ކާމިޔާބުކޮށްދިނީ، މެރިހް ޑެމީރާލްއެވެ. އެޓްލަންޓާއިން 2 ލަނޑުގެ ލީޑެއް ނެގުމާއެކު ޔުނައިޓެޑުން ކުުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-2 އިން އެޓްލަންޓާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލިއެވެ. އެގޮތުން އެޓީމުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މާކަސް ރަޝްފޯޑްއެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކެޕްޓަން ހެރީ މެގުއާއެވެ. މި މެޗުން ޔުނައިޓެޑަށް 3 ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު 81 ވަނަ މިނެޓުގައި ޝޯ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑު ރޮނާލްޑޯ ޖެހީ ޝޯ ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުޅުނު މެޗުގައިވެސް އެޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަދި މިއީ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅެދިން 300 ވަނަ މެޗެވެ.
މި މޮޅާއެކު ޔުނައިޓެޑު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެޓަލަންޓާ އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން ހަތަރު ޕޮއިންޓާއެކުއެވެ.
މި މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ވިޔަރެއާލް ވަނީ ޔަންގް ބޯއިސް އަތުން 1-4 އިން މޮޅުވެފައެވެ. އަދި ބާސެލޯނާ ވަނީ ޑިނަމޯ ކިއޭވް އަތުން 0-1 އިން މޮޅުވެފައެވެ. ބާސެލޯނާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، ޖެރާޑް ޕީކޭއެވެ.