ކަނޑު ދަތުރުކުރާ އުޅަނދު ފަހަރަށް އަރައި ގަވާއިދު ޗެކް ނުކުރާނަމަ، ޤަވާއިދު ހަރުކަށި ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް 3 މަސްދުވަހުގެތެރޭގައި ޤަވާއިދާއި އެއްގޮތަށް ލައިފް ޖެކެޓާއި، ލައިފް ބޮއި ނުބަހައްޓާ ކަނޑު އުޅަނދުތަކުގެ ސީ ވާދިނަސް ސެޓްފިކެޓް ބާތިލް ކުރަން ޓްރާންސްޕޯޓް އޮތޯރިޓީންވަނީ ނިންމާފައެވެ. މިނިންމުމާއި ގުޅިގެން މޫސަ ވިދާޅުވީ، ޤަވާދު ހަރުދަނާކޮށް ހަރުކަށި ކުރަން ޖެހޭނީ އެކަން ރަނގަޅަށް ބެލެހެއްޓޭ ކަމުގައި ވާނަމަ ކަމަށެވެ. އުޅަދުތަކުގައި ދިވެހި ކަޕިއެއް ހުންނަ ނަމަ ދެންތިބޭ މީހުންނަކީ ބިދޭސީންކަމަށް މޫސަ ވިދާޅުވިއެވެ. އަދި ގިނަވާނީ ސީމަން ޓްރޭނިންވެސް އަދި ރަނގަޅަށް ފަތަންވެސް ނޭގޭ މީހުންކަމަށް މޫސަ ވިދާޅުވިއެވެ.
ދަތުރު ފަތުރުގެ ޤަވާއިދު ވަރުގަދަ ވިޔަސް އުޅަނދުފަހަރަށް އަރާ ޤަވާއިދުން ޗެކްނުރާނަމަ ޤަވާއިދު ހަރުކަށިކުރުމުގެ މާނައެއްނެތް. ކެޕްޓަނަކަށް ދިވެއްސަކު ހުރިއްޔާ ފަޅުވެރިންނަށްތިބެނީ ސީމަން ޓްރޭނިންގ ކީއްކުރަން ފަތަންވެސް ނޭންގޭ ބިދޭސީން.
– މޫސަ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ޢިއުލާނެއްގައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައިވާ ކަންކަމުގެ ތެރެއިން 11 ކަމެއް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ފުރިހަމަކުރުމަށް އަންގާފައެވެ. އޭގެ ތެރޭގައި ޤަވާޢިދުގައިވާ ގޮތަށް، މުއާސަލާތީ އާލާތްތައް ހަމަކުރުމާއި، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުންނަން ޖެހޭނެކަމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް" ހެއްދުމާއި، "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް" ހެއްދުމުގެ އިތުރުން، އެ އުޅަނދެއްގައި އޮންނަންޖެހޭ "ސުވޭޖް ސެޓްފިކެޓް" ހެއްދުން ހިމެނެއެވެ. އަދި ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރާ ލައިސަންސާއި، ސަނަދުތައް އޮތުމުގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި، ވެސެލް ޓްރެކިންގ ޑިވައިސް ހަރުކޮށްފައި ހުންނަން ޖެހުމާއި، ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހަޅަންޖެހޭނެކަމަށް ޓްރާންސްޕޯޓުން ވަނީ އަންގާފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މިކަންކަން ފުރިހަމަކޮށްފައިނުވާނަމަ ކުރިއަށް އޮތް 3 މަސްދުވަސް ފަހުން އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރެވޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ