ސިޓީން ފަސޭހަ ކަމާއިއެކު ބުރޫޖް ބަލިކޮށްފި

ސިޓީން ފަސޭހަ ކަމާއިއެކު ބުރޫޖް ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 08:19
0

ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ މެންޗެސްޓަ ސިޓީން ކުޅުނު މެޗު އެޓީމުން ފަސޭހަ ކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.

ސިޓީ މޮޅުވީ ކުލަބު ބްރޫޖް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

ބްރޫޖުގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޖޮއާއޯ ކަންސޭލޯ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސިޓީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރިޔާދް މަހްރޭޒް ވަނީ ދެވަނަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ކައިލް ވޯކާ ޖަހައިދިންއިރު، މެޗުގެ 67 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ.

މި މެޗުގައި ބްރޫޖުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހާންސް ވަނެކެންއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މެޗުގައި މޮޅު ކުޅުމެއް ދެއްކި މާރޭޒް ވަނީ ސިޓީގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްފައިވާ ޕީއެސްޖީއެވެ. ދެވަނައިގައި އޮތް ސިޓީއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބްރޫޖަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ލައިޕްޒީގަށް މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.