މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކެމްޕޭން ޖަޕާނުގައި ރަސްމީކޮށް ފަށައިފި

މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކެމްޕޭން ޖަޕާނުގައި ރަސްމީކޮށް ފަށައިފި

Author
ހުސެއިން
19 އޮކްޓޯބަރ 2021 07:17
0

މިމަހުގެ 30ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަޕާންގެ އާންމު އިންތިޚާބުގެ ކެމްޕޭން މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއަދު ކެމްޕޭން ރަސްމީކޮށް ފަށާފައިވާއިރު، މީޑިއާތަކުން ނަގާފައިވާ އާންމު ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ LDPގެ ތާއީދުވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އަދި ބެލެވޭ ގޮތުގައި، މި އިންތިޚާބުގައި، ދާދިފަހުން ބޮޑުވަޒީރުކަމާ ހަވާލު ވެވަޑައިގެންނެވި ފުމިއޯ ކިޝިޑާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެއްކަމުގައިވާ އެންއެޗްކޭއިން މި ހަފްތާ ބަންދުގައި ނަގާފައިވާ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި، ވެރިކަން ކުރާ LDPއަށް މިއިންތިޚާބުގައި ލިބިގެންދާނީ 38.8 އިންސައްތައެވެ. މިއީ ފާއިތުވެދިޔަ ހަފްތާގެ ޚިޔާލު ހޯދުންތަކުން ދައްކާފައިވާ 41.2 އިންސައްތައަށްވުރެ ދަށް ނަތީޖާއެކެވެ.

އަދި މީގެ އިތުރުން، މިހާރުގެ ބޮޑުވަޒީ ކިޝިޑާގެ މަގުބޫލުކަންވެސް 46 އިންސައްތައިގެ ހުރުމަށްފަހު މިހާރުވަނީ ތިން އިންސައްތަ ދަށަށް ވެއްޓިފައެވެ. އެހެންނަމަވެސް، ކިޝިޑާގެ ޕާޓީއަށް ލިބޭ ގޮޑިތަކުގެ އަދަދު މަދުވެގެން ދިޔަނަމަވެސް، އެޕާޓީން އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ވަނީ ބެލެވިފައެވެ.

މި އިންތިޚާބުގެ ކެމްޕޭންގައި ޖަޕާނުގެ ރައްޔިތުންނަށް އެންމެ މުހިންމު މައްސަލަތަކަށް ވެގެންދާނެ ކަމަށް ބެލެވިފައިވަނީ އިގްތިސާދާއި އަދި ކޯވިޑް ކާރިސާއެވެ.

ކިޝިޑާވަނީ، އިގްދިސާދީ ކުރިއެރުމުގެ ފައިދާ އެންމެންނަށްވެސް ކުރާނޭ ގޮތުގެ މަތިން ސިޔާސަތު ތަންފީޒު ކުރައްވާނޭކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑް ކާރިސާއިން އަރަގަތުމަށް އިސްކަން ދެއްވާނޭކަމަށްވެސް، އެލްޑީޕީގެ ލީޑަރޝިޕް ކެމްޕޭނުގައި އޭނާވަނީ ވައުދުވެ ވަޑައިގެންފައެވެ.

އެހެންނަމަވެސް ޖަޕާނުގެ އިދިކޮޅު ފަރާތްތަކުންވަނީ، އާންމު ރައްޔިތުންނަށް އިގުތިސާދީ ފުދުންތެރިކަން ހޯދައިދީ އަދި ކޯވިޑް ކާރިސާއިން އަރައިގަތުމުގައި މިހާރުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ޖަޕާނުގެ އެންމެ އިސް އިދިކޮޅު ޕާޓީ ކަމުގައިވާ ކޮންސްޓިޓިއުޝަނަލް ޑިމޮކްރަޓިކް ޕާޓީ އޮފް ޖަޕާން (CDPJ) އެންމެ 6.6 އިންސައްތައިގެ ތާއިދަކާއެކީ އަދިވެސް އުޅެނީ ވެރިކަން ކުރާ LDPއަށްވުރެ ބޮޑުތަނުން ފަހަތުގައެވެ.

ޚިޔާލު ހޯދުންތަކުން ދައްކާފައިވާ ގޮތުގައި މިއިންތިޚާބުގައި ވޯޓުލާ މީހުންގެ 36.2 އިންސައްތައަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދު ނުކުރާ ފަރާތްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.