ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ބަލަންވީ މިހާރު ކުރަމުންދާ ބޭކާރު ޚަރަދުތައް ކުޑަކުރަން ކަމުގައި ކުރީގެ ނާއިން ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ފަހުގެ ތާރީޚެއްގައި ވެރިޔަކު ހިންގި ޤައުމަށް އެންމެ ގެއްލުން ބޮޑު އެއް ޢަމަލުކަމަށެވެ.
ރައީސް ނަޝީދުގެ ރުހުން ހޯދުމަށް ސަރުކާރުން ނުވަތަ އަމީރު މަސައްކަތް ކުރަންވީ ރައީސް ނަޝީދު އުގަށް ވެއްޓިގެން ނޫންކަމަށް ޖަމީލް ވިދާޅުވިއެވެ. އިޤްތިޞަދީ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަމަކީ ބޭކާރު ޚަރަދު ކުޑަކުރުން ކަމަށާއި، ދައުލަތުން 2 ހައުސިން އެލަވަންސްދީ ހޮޓެލްޖެންގައި ބޭފުޅުން ބޭތިއްބުން ހުއްޓާލުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ފަހުގެ ތާރީޚެއްގައި ވެރިޔަކު ހިންގި ޤައުމަށް އެންމެ ގެއްލުން ބޮޑު އެއް ޢަމަލު. މިނިސްޓަރ އަމީރު ރުހުން ހޯދަންވީ ރައީސް ނަޝީދު އުނގަށް ވެއްޓިގެންނެއް ނޫން. ބަލަންވީ 2 ހައުސިން އެލަވަންސް ނަގަމުން ހޮޓެލް ޖެންގައި ބެހެއްޓުން ފަދަ އިސްރާފު ހުއްޓުވައި އަމިއްލައަށް އަމިއްލަ ކަންކަން ކުރެވޭތޯ. ނޫނީ ވާހަކަ ގިނަ ނުކޮށް އިސްތިއުފާ ދެއްވާ.
– ޖަމީލް ވިދާޅުވިއެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ފަހުގެ ތާރީޚެއްގައި ވެރިޔަކު ހިންގި ޤައުމަށް އެންމެ ގެއްލުން ބޮޑު އެއް ޢަމަލު. @iameeru ރުހުން ހޯދަންވީ ރައީސް ނަޝީދު އުނގަށް ވެއްޓިގެންނެއް ނޫން. 1/2 pic.twitter.com/VmLO4zFETt
— Mohamed Jameel Ahmed (@MJameelAhmed) October 18, 2021
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން އަމީރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފމ، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.