އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުނު 487 މައްސަލައިގެ ތެރެއިން 449 މައްސަލަ ބެލުމަށް އެއޮފީހުން ނިންމައިފިއެވެ.
ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސި މިނިވަންކަމާ ޚިލާފަށް ދަޢުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ހިންގާފައިވާ ޢަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން ހުޅުވާލި މުއްދަތުގައި ހުށަހެޅި މައްސަލަތައް މިހާރު ބަލަމުންދާކަމަށެވެ.
އިންތިޤާލީ އިންސާފު އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް:
– ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލަ
– މަސައްކަތް ކުރުމުގެ ޙައްޤާ ގުޅޭ 156 މައްސަލަ
– ޤާނޫނާ ޚިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާ ގުޅޭ 44 މައްސަލަ
– އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތްކުރުމާ ގުޅޭ 26 މައްސަލަ
– ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ
– މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލަ
– އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ 09 މައްސަލަ
– އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭގޮތުން 09 މައްސަލަ
– ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ 07 މައްސަލަ
– މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ 06 މައްސަލަ
– އުނގެނުމުގެ ޙައްޤާ ގުޅޭ 06 މައްސަލަ
– އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ 06 މައްސަލަ
– އެހެނިހެން ދާއިރާތަކާ ގުޅޭ 10 މައްސަލަ
މިމައްސަލަތަކުގެ ތެރެއިން އެއޮފީހުން ބެލުމަށް ނިންމާފައިވަނީ 449 މައްސަލައެއް ބެލޭނެކަމަށް ނިންމާފައިވާއިރު، 26 މައްސަލައެއް ނުބެލުމަށް ވަނީ ނިންމައިފައެވެ. އަދި އެއް މައްސަލައެއް އިންތިޤާލީ ކޮމިޝަނެއްގައި ކުރިއަށްދާތީ ނުބެލޭނެ ކަމަށް ނިންމާފައިވާއިރު، 06 މައްސަލައެއްގައި އިތުރު މަޢުލޫމާތު ހޯދުމަށް ފޮނުވަން ނިންމައި، އިތުރު 05 މައްސަލައެއްގެ ޝަރުޢީ މަރުޙަލާ ކުރިއަށްދާތީ، އެ މަރުޙަލާ ނިމުމުން ހުށަހެޅުމަށް ވަނީ އަންގައިފައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާފައިވަނީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.