އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ނޭޕާލް އަތުން މޮޅުވެ އިންޑިއާއިން މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.
މިމެޗު އިންޑިއާއި ކާމިޔާބްކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އާދައިގެ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗު ނިމެން 9 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ އިންޑިއާގެ އިތުބާރު ފޯވާޑު ސުނިލް ޗެތިރީއެވެ. މިއީ އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ވާތުފައިން އޭނާޖެހި ހިތްގައިމު ގޯލެކެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަކަށްވެސް މާ އެދެވޭ ކުޅެމެއް ކުޅެވިފައިނުވެއެވެ. މިހާފުގައި ޗެތުރީއަށް ވަނީ ހުސްގޯލަކަށް ބޯޅަ ފޮނުވާލަން ފުރުސަތު ލިބި ބޭކާރުވެފައެވެ. މެޗުގެ ދެވަނަ ހާފުގައި އިންޑިއާއިން ކުރިއަށްޖެހި ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ހުރަސް ނަގައިގެންނާއި، ދުރުން ޝޮޓު ނަގައިގެންވެސް ހަމަލާތައް އުފެއްދުމަށް އިންޑިއާއިން ވަނީ މަސައްކަތް ކޮށްފައެވެ.
މިމުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުން އެއްވަރު ވެފައި އޮތުމާއިއެކު މިމެޗުން މޮޅެއް ހޯދުމަށް އިންޑިއާ އޮތީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. މެޗުގައި އިންޑިއާއިން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ނޭޕާލްގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ. މިމެޗު އިންޑިއާ ކާމިޔާބު ކުރުމުން މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އިންޑިއާއަށްވެސް ވަނީ ލިބިފައެވެ.
މިނަތީޖާއާއިއެކު އިންޑިއާ ވަނީ ކުޅުނު 3 މެޗުން 5 ޕޮއިންޓާއިއެކު ތާވަލްގެ 3 ވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ނޭޕާލް އޮތީ 6 ޕޮއިންޓާއިއެކު ތާވަލްގެ ދެވަނައިގައެވެ. ނޭޕާލްއާއި އެއްވަރަކަށް ޕޮއިންޓް ހޯދައިގެން ރާއްޖެއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު މިރޭ ކުޅުނު ދެޓީމަށާއި، ރާއްޖެއާއި، ބަންގްލަދޭޝްއަށްވެސް އެބައޮއެވެ.
ބުދަ ދުވަހުކުޅޭ މެޗުތަކުން މޮޅުވެގެން މިއިން ކޮންމެ ޓީމަކަށްވެސް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ