އެމްއެންޕީން އިސްކުރާނެ އަމިއްލަ މަސްލަހަތެއް ނޯންނާނެ، އިސްކުރާނީ ޤައުމު: ރިޔާޒު

އެމްއެންޕީން އިސްކުރާނެ އަމިއްލަ މަސްލަހަތެއް ނޯންނާނެ، އިސްކުރާނީ ޤައުމު: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2021 10:23
0

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވުޖޫދުވަމުންދާ މޯލްޑިވްސސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އިސްކުރާނެ އަމިއްލަ މަސްލަހަތެއް ނޯންނާނެކަމަށާއި، އެޕާޓީން އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަހަތު ކަމުގައި އެމްއެންޕީގެ ވަގުތީ މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މަލްޓި ޕާޓީ ސިސްޓަމްގެ ތެރެއިން މިވީ 17 އަހަރުގެ ތެރޭގައި ރާއްޖެއިން ފެނިގެން ގޮސްފައިވަނީ ސިޔާސީ ޕާޓީތަކުން ޤައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތުގައި މަސައްކަތް ކުރިތަންކަމަށެވެ. ގިނަ ސިޔާސީ ޕާޓީތަކުގެ މަސްލަހަތަށް ވެފައިވަނީ ޕާޓީގެ އެންމެ އިސްކޮށް ހުންނަ މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް، އަދި އޭނާގެ ވަށައިގެންވާ މީހުންގެ މަސްލަހަތު ހިމާޔަތް ކުރުންކަމަށެވެ.

ނަމަވެސް އެމްއެންޕީން އިސްކުރާން ލީޑަރެއް ނުވަތަ މަސްލަހަތެއް ނޯންނާނެކަމަށް ރިޔާޒު ވިދާޅުވިއެވެ. އެމްއެންޕީން އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންނާއި ޤައުމީ މަސްލަހަތުކަމަށް ރިޔާޒު ވިދާޅުވިއެވެ.

ޒަމާނީ ޑިމޮކްރަސީގައި ވޭތުވެދިޔަ 17 އަހަރަށް ބަލާއިރު، ސިޔާސީ މައިދާނުގައި ހުރި ގިނަ ސިޔާސީ ޕާޓީތަކީ ވަކި މީހެއްގެ ފަހަތުން އެބުރޭ ޕާޓީތަކެއް. އެޕާޓީތަކުން ޤައުމީ މަސްލަހަތަށްވުރެ އިސްކުރެވެނީ އަމިއްލަ މަސްލަހަތު. ވަށައިގެން އެނބުރޭ މީހުންގެ މަސްލަހަތު. މިއަދު ހާލުގެ ދުލުން ގޮވަނީ ޤައުމީ މަސްލަހަތު އިސްކުރުމަށް.

– ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެމްއެންޕީން ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނީ ވަރަށް ސާބިތު ކަމާއިއެކުގައިކަމަށެވެ. ކޯވިޑްގެ މި ދަތިވަގުތުގައިވެސް ޕާޓީއެއް އުފައްދައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން ޖެހުނު މައިގަނޑު ސަބަބަކީވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ބަޔަކު ޤައުމުގެ އިސްސަފަކަށް ނިތުންކަމަށެވެ.

ރިޔާޒު ވިދާޅުވީ އެމްއެންޕީއަކީ ސިޔާސީ ގޮތުން މިނިވަންކަމާއިއެކު މަސައްކަތް ކުރަން ތިއްބެވި ހުރިހާ ބޭފުޅުންނަށް އޮތް އެންމެ ރަނގަޅު ޕްލެޓްފޯމްކަމަށެވެ. ސިޔާސީ ގޮތުން ވަކި މީހެއްގެ ބާރުވެރިކަމުގައި މަަސއްކަތް ކުރުމަށްވުރެ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ހަމައެކަނި ފިކުރަމަކީ އެމްއެންޕީގެ ފިކުރުކަމަށެވެ. ްއެމްއެންޕީން ކަންކަން ނިންމާނީ ޒުވާން އިލްމީ ބޭފުޅުންގެ ޚިޔާލާއިއެކުގައިކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ޕާޓީގައި ދެޖިންސުގެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ދީފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.