ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހު ދިވެހި ޤައުމީ ޓީމު މިރޭ ބަންގްދޭޝްއާއި ދެކޮޅަށް އުރީދޫ ސާފްޗެންޕިއަންޝިޕްގައި ކުޅުނު މެޗުން މޮޅުވެ ދިވެހިންނަށް އުފާވެރިކަން ގެނެސްދީފިއެވެ.
މިރޭ ބަންގްލަދޭޝްއާއި ވާދަކުރި މެދު ދިވެހި ޓީމުން ކާމިޔާބުކުރީ 2-0 ލަޑުންނެވެ. މިއީ މުބާރާތުގައި ކުރިއަށް ދިއުމަށް ދިވެހި ޓީމުން ކާމިޔާބުކުރި ވަރަށް މުހިންމު މެޗެކެވެ.
ފުރަމަތަމަ މެޗުން ނޭޕާލް އަތުން ބަލިވި ބަލިވުމާއިއެކު ކަށިން ހިތްވަރުނެރި މިރޭ ދިވެހި ޓީމުންވަނީ ރެފްރީގެ ފުރަތަމަ ކަށިގަނޑުން ފެށިގެން މެޗު ނިމުމާއި ހަމައަށް މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ދިވެހި ޓީމުން ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުމުން ދެވަނަ ހާފުން ދިވެހި ޓީމުން ވަނީ ފުލު ފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ހަމަލާތައް ހުއްޓުވުމުގައި، ބަންގްލަދޭޝްގެ ގޯލްކީއްޕަރުގެ ހުށިޔާރުކަން ވަނީ ފެނިފައެވެ. ދިވެހި ޓީމުގެ ފޯވާޑު ލައިނުގައި ހިމެނޭ އަލީ އަޝްފާގް، ހަމްޒާ މުހައްމަދު، އަލީ ފާސިރުގެ މޮޅުކުޅުމާއިއެކު ދިވެހި ޓީމުން ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނިޓުގައެވެ. މިގޯލަކީ ދިވެހި ޓީމަށް ލިބުނު ކޯނަރަކުން، ހަމްޒާ މުހައްމަދު ހަމްޕު ޖެހި ހިތްގައުމު ގޯލެކެވެ. މިގޯލާއިއެކު ދަނޑަށް ވަދެތިބި ދިވެހި ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދެވެ، މެޗުގެ ފޯރިވަނީ ގަދަވެއެވެ.
ގޯލަށްފަހުވެސް ދިވެހި ޓީމުންވަނީ މޮޅަށް ކުޅެފައެވެ. ޚާއްސަކޮށް މިމެޗުގައި ހަމްޒާ މުހައްމަދުގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމަކީ މިމެޗު ކާމިޔާބު ކުރުމަށްވި އެންމެ ބޮޑު ހިތްވަރެވެ. އޭނާ ހުއްޓުވުމަކީ ބަންގަލަދޭޝްގެ ޓީމަށް ފަސޭހަ ކަމަކަށްވަނީ ނުވެފައެވެ.
މެޗުގައި ދިވެހި ޓީމުން މުހިންމު ވަގުތުތަކުގައި މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލުތަކާއިއެކު ދިވެހި ޓީމުގެ ކުޅުން މެޗު ނިމާއި ހަމައަށްވެސް އެއްވާނެއްގައި ވަނީ ހިފަހައްޓާފައެވެ. މެޗުގެ ރާއްޖެއިން ޖެހި ދެވަނަ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް، ނާއިޒް ހަސަން އެކަނިމާއި އެކަނި އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް، ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ފަހަތުން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ޖެހި ގޯލެކެވެ. މިގޯލް ކާމިޔާބު ކުރީ ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާގުއެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޮވިފައިވަނީ އަލީ އަޝްފާގުއެވެ. މިރޭގެ މެޗުން ރާއްޖެ ކާމިޔާބް ކުރުމުން ރާއްޖެވަނީ ތިން ޕޮއިންޓާއިއެކު ޓެބަލްގެ ތިންވަނައަށް ޖެހިލައިފައެވެ. މިމުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހު ވާދަކުރާނީ ސްރީނަންކާއާއިއެވެ.
ކޮމެންޓު ފޮނުވާ