ރައްޔިތުންގެ ފާޑުކިޔުން މެމްބަރުންނަށް އަމާޒުވަނީ މާބޮޑަށް ބޮޑާވާތީ: ނަޝީދު

ރައްޔިތުންގެ ފާޑުކިޔުން މެމްބަރުންނަށް އަމާޒުވަނީ މާބޮޑަށް ބޮޑާވާތީ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2021 01:50
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވަމުންދަނީ، ބައެއް މެމްބަރުންގެ ބޮޑާކަމާއި، އިއްޒަތްތެރިކަން މާބޮޑަށް ބޮޑުވުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ މެންބަރުންނާއެކު އެމީހުންގެ ރައްޓެހިންނަށްވެސް އެއަރޕޯޓްގެ ޥީއައިޕީ ޚިދުމަތް ލިބޭގޮތަށް ހަމަޖައްސާ މަޖިލީހަށް ބިލްކުރާގޮތަށް ޢާންމު ކޮމިޓީން ގެނައި ބަދަލާއި ގުޅިގެންނެވެ. މަޖިލީހުގެ މެމްބަރުން ތިއްބަވާ ރަސްމީ ވަޓްސް އަޕް ގްރޫޕުގައި އެމްޑީޕީގެ މެމްބަރު ވީއައިޕީގެ ޚިދުމަތް ހޯދުމަށް އެދި ކުރަމުންދާ ބަހުސްގައި އެއް މެމްބަރަކު އަނެއް މެމްބަރަށް ބަހުގެ ހަމަލާދީ، ހައްދަވަމުންދާތީ މަޖިލިސް ރައީސް ކުރެއްވި މެސެޖެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މާބޮޑަށް ބޮޑާވަމުންދާތީ މެމްބަރުންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވަމުންދާކަމަށެވެ.

މިމެސެޖާއިއެކު މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަނެއްވެސް ވަނީ އިތުރަށް ބޮޑުވެ ބަހުގެ ހަމަލާތައް ބަދަލު ކުރަން ފަށާފައެވެ. އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދުދީ ހައްދަވަމުންދާއިރު މި ގްރޫޕްގައި މަޖިލީހުގެ ހުރިހާ މެމްބަރުން ތިއްބައެވެ. ނަމަވެސް މިބަހުސްގެ ތެރެއިން އެހެން ޕާޓީތަކުގެ މެމްބަރުން ނުވަދެއެވެ.

އެމްޑީޕީގެ 8 މެންބަރުން ހިމެނިވަޑައިގަންނަވާ އާންމު ކޮމިޓީއަކުން ވަނީ މެންބަރުންނާއި އެމެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށް އެއަރޕޯޓް ލައުންޖު ބޭނުންކުރެވޭގޮތަށް ޤަވާއިދު ބަދަލުކޮށްފައެވެ. އެ ބައްދަލުވުން މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މިއާއކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.

ކޮމިޓީން އެފަދަ ނިންމެވުމެއް ނިންމެވީ، ކުރިން އޮންނަ ގޮތުން މަޖިލީހުގެ މެންބަރަކު، އެމަންބަރުގެ އެއްބަނޑު އެއްބަފާ މީހަކާ އެކީ ދަތުރުކުރާއިރުވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީކަމަށް މެންބަރުން ވިދާޅުވިކަމަށް އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވެއެވެ.

މި ޤަވާއިދު ކުރިން އޮންނަ ގޮތުން މަޖިލީހުގެ މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލޯންޖު ބޭނުންކުރެވެއެވެ. އަދި ލޯންޖު ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.

ނަމަވެސް އެމީހުންގެ ރައްޓެހިންނަށްވެސް ވީއައިޕީ ލައުންޖު ބޭނުންކުރެވޭގޮތަށް ނިންމި ނިންމުމަކީ ނިހާއީ ނިންމުމެކެވެ. އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން ކޮމިޓިން އެގޮތަށް ފާސްކުރުމުން އެ ނިންމުމަށް އަމަލުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.