އުއްތަމަ ފަނޑިޔާރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޑީޕީން ގޮވާލައިފި

އުއްތަމަ ފަނޑިޔާރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޑީޕީން ގޮވާލައިފި

Author
މުޙައްމަދު ޖިމީ
01 އޮކްޓޯބަރ 2021 06:29
0

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް އަދުނާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެރިކަުރާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕިން މިހެން ބުނެފައިިމިވަނީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައިގެން އެގެއަށް މީހަކު ވަންނަން މަސައްކަތްކުރި މައްސަލައެއް އިއްޔެ ފެންމަތިވުމާއި ގުޅިގެންނެވެ.

އެމްޑީޕީން ބުނީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް އިއްޔެ މީހަކު ވަދެގަނެފައިވާއިރު، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރާ މެދު އެޕާޓިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާކަމަށެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތްކަމަށްވާ އުއްތަމަ ފަނޑިޔާރަށާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާއަށް ޙިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދީ، އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ޤާނޫނުން ލާޒިމުކޮށްފައިވާކަމެއްކަމަށް އެމްޑީޕީން ނެރުނު ބަޔާނެއްގައިވެއެވެ. އުއްތަމަ ފަނޑިޔާރު މުޢުތަޞިމު ޢަދުނާނާއި އެމަނިކުފާނުގެ ޢާއިލާ މިވަގުތު ވެސް ދިރިއުޅުއްވާ ޢާއިލީ ގެކޮޅުގެ ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް މީހަކު ވަނުމުގެ ފުރުސަތު ލިބިފައިވާކަމީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށްވެސް އެޕާޓިން ވަނީ ބުނެފައެވެ އަދި އެކަމަކީ އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށްވެސް ބުނެފައިވެއެވެ.

މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އިޙްމާލުނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއެސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން އިލްތިމާސްކުރަމެވެ. އަދި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއްވުމަށް މި ޕާރޓީން ގޮވާލަމެވެ.

– އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އިއްޔެ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތްކުރި ނަމަވެސް އެވަގުތު އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމަނިކުފާނު އެވަގުތު އިންނެވީ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީޢަތެއްގެ ރިޔާސަތުގައެވެ. އެއީ ރާއްޖޭގައި އައިއެއްގެ ފިކުރު ފަތުރަން މަސައްކަތްކުރާކަަމށް ތުހުމަތުކުރެވޭ މުޙައްމަދު އަމީންގެ ޝަރީޢަތުގައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅުގައެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދައުލަތުގެ ބާރުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖެއްސުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤާނޫނު ތަސްދީޤްކުރައްވާފައެވެ. އަދި ތިން ބާރުގެ ވެރިންނަށް ކުރިން ދެމުން އައި ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.